ހޯމް މިނިސްޓަރު ޢަލީ އިޙުސާން
ހޯމް މިނިސްޓަރު ޢަލީ އިޙުސާން
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ޙަވާލުވި ފަހުން، ގޭންގު މާރާމާރީއެއްގައި އެއްވެސް ޒުވާނެއްގެ ފުރާނަ ގޮސްފައި ނުވާކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕީއެންސީގެ "މަތީ މަޖިލިސް" ކޮންގްރެސްގައި ގޭންގު ކުށްތަކާ ބެހޭގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަނެއްގައެވެ.

މިނިސްޓަރު އިޙުސާން ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ގޭންގުތަކުގެ މައްސަލަ އޮތީ އިންތިހާއަށް ބޮޑުވެފައެވެ.

އެގޮތުން ގޭންގުތަކުން ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި، މަގުމަތީ މާރާމާރީތަކާއި މީހުން މެރުން ފަދަ ޖަރީމާތައް އޮތީ ހައްދުފަހަނައަޅާފައެވެ.

ނަމަވެސް، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ގޭންގުތަކަކީ ޤާނޫނީ ގޮތުން ކަނޑައެޅިގެން އޮޕަރޭޓް ނުކުރެވޭނެ ބަޔަކަށް ހެދުމަށާއި، ގޭންގުތަކަށް ޚަރަދުކުރާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅޭނެ ނިޒާމެއް ސަރުކާރުން ވަނީ ފަރުމާކޮށްފައެވެ.

މީގެއިތުރުން، ކުށްކުރާ ޒުވާނުން ޖަލަށްލުމުގެ ބަދަލުގައި މުޖުތަމަޢަށް ބޭނުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެވިފައިވާކަން އިޙުސާން ފާހަގަކުރެއްވިއެވެ. އެގޮތުން ގޭންގުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ނަސޭހަތްދީ، ވަޒީފާގެ މަގު ދެއްކުމުން ގިނަ ބަޔަކު ޖަލަށްދާން ނުޖެހި، ކުށުގެ ވެށިން ދުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2007 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު އެވްރެޖްކޮށް 2 އާއި 5 އާ ދެމެދުގެ އަދަދަކަށް މީހުން ގޭންގު މާރާމާރީތަކުގައި މަރުވެފައިވީ ނަމަވެސް، މި ސަރުކާރުގައި އެފަދަ އެއްވެސް ހާދިސާއެއް ހިނގާފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިކަން ކަށަވަރުކުރުމަށްޓަކައި މާލޭގައި 13 ޔުނިޓު އަދި ހުޅުމާލޭ ގައި 12 ޔުނިޓު ޤާއިމުކޮށް، 24 ގަޑިއިރު ގޭންގުތަކުގެ ހަރަކާތްތައް މޮނިޓަރުކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކަށް ބައްލަވާލައްވަމުން އިޙުސާން ވިދާޅުވީ، މަގުމަތިން 6,000 އަށްވުރެ ގިނަ ކުޑަކުދިންނާ އިންޓަރެކްޓްކޮށް، ކުށުގެ ވެށްޓާ ގުޅުންހުރި 159 ކުއްޖަކު ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ނަސޭހަތް ދެވިފައިވާ ކަމަށެވެ. ޖުމްލަ ގޮތެއްގައި، ގޭންގު ކުށްތައް ހުއްޓުވައި މުޖުތަމަޢުގެ އަމާންކަން ބެލެހެއްޓުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ކަށަވަރުކޮށްދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް