ސައުދީ ޕްރޯ ލީގުގައި އަލް ތާވޫންގެ ސަޕޯޓަރުންތަކެއް، ލިވަޕޫލާއި ޕޯޗުގަލްގެ ކުރީގެ ފޯވާޑް ޑިއޯގޯ ޖޯޓާގެ ނަން ބޭނުންކޮށްގެން އަޑުއުފުލި މައްސަލައެއްގައި، އެ ކްލަބު 100،000 ސައުދީ ރިޔާލުން ޖޫރިމަނާކޮށް، އަމިއްލަ ދަނޑުގައި ކުޅޭ ކުރިއަށް އޮތް ދެ މެޗު ސަޕޯޓަރުން ނުވައްދައި ކުޅުމަށް ސައުދީ ފުޓްބޯލް ފެޑެރޭޝަނުން އަދަބު ކަނޑައަޅައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ވޭތުވެދިޔަ ހޮނިހިރު ދުވަހު ކުޅުނު ލީގު މެޗުގައެވެ. އެ މެޗުގައި އަލް ތާވޫންގެ ސަޕޯޓަރުންގެ ފަރާތުން "ޖޯޓާ"ގެ ނަން ގޮވައި އިހުތިރާމް ކުޑަވާ ފަދަ އަޑުތަކެއް ވަނީ އިވިފައެވެ. ވުލްވްސް އަދި ޕޯޗުގަލް ގައުމީ ޓީމުގައި ޖޯޓާއާއެކު ކުޅުނު، އަލް ހިލާލްގެ މިޑްފީލްޑަރު ރޫބެން ނެވޭސް ވަނީ މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށް، އުޑާ ދިމާލަށް އިނގިލި ދިއްކޮށް އިޝާރާތެއް ކޮށްފައެވެ.

ޖޯޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ ނިޔާވެފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހު ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައެވެ. އަދި ނެވޭސް އަކީ ޖޯޓާގެ ޖަނާޒާގައި ސަންދޯއް އުފުލުމުގައި ވެސް ބައިވެރިވި ގާތް އެކުވެރިއެކެވެ.

ސައުދީ ފުޓްބޯލް ފެޑެރޭޝަންގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީން ހާމަކުރި ގޮތުގައި، ސަޕޯޓަރުންގެ މި އަމަލަކީ އެކުލަވާލެވިފައިވާ ގަވާއިދުތަކާ މުޅިން ޚިލާފު ކަމެކެވެ. އަދި މި އަމަލުގެ ސަބަބުން ގަވާއިދުގެ 39-4 ވަނަ މާއްދާގެ ދަށުން އެ ކްލަބަށް ދެވޭ އަދަބު ވަނީ ހަރުކަށިކޮށްފައެވެ. މި ނިންމުމާ ގުޅިގެން، 100،000 ރިޔާލުގެ ޖޫރިމަނާ ދެއްކުމުގެ އިތުރުން، އަލް ތާވޫންގެ ދަނޑުގައި ދެން ކުޅޭ ލީގުގެ ދެ މެޗު ކުޅެން ޖެހޭނީ ސަޕޯޓަރުންނާ ނުލައެވެ.

މި މައްސަލައާ ގުޅިގެން ޕޯޗުގަލްގެ ކެޕްޓަން އަދި ޖޯޓާގެ ކުރީގެ ޓީމު މޭޓް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ސަޕޯޓަރުންގެ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް، ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މީގެއިތުރުން، މިފަދަ ދަށުދަރަޖައިގެ އަޑުތައް ގޮވި ސަޕޯޓަރުން ދަނޑުތަކަށް ނުވަދެވޭ ގޮތަށް އުމުރު ދުވަހަށް ސަސްޕެންޑް ކުރުމަށް ވެސް ރޮނާލްޑޯ ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް