ޕްލާސްޓިކް ފުޅިތަކެއް
ޕްލާސްޓިކް ފުޅިތަކެއް
ތިމާވެށްޓަށް ގެއްލުންދޭ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ (ސިންގަލް-ޔޫސް) ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުހިންމު އިޞްލާޙުތަކެއް ގެނެސްފިއެވެ.

މި ބަދަލުތައް ގެންނަވާފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 35/2025 އަށެވެ.

މި ގެންނެވި އިޞްލާޙުތަކުގެ ތެރޭގައި، ލިސްޓުގެ އެއްވަނަ ނަންބަރުގައި ހިމެނޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީޚު، 1 ޖޫން 2021 އިން 1 ޖޫން 2031 އަށް ވަނީ ފަސްކޮށްފައެވެ. އަދި ރާއްޖޭގައި މިފަދަ ހޮޅި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 19 ޑިސެންބަރު 2022 އިން 19 ޑިސެންބަރު 2031 އަށް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން، އެ ލިސްޓުގެ 13 ވަނަ ނަންބަރުގައި ހިމެނޭ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީޚު 1 ޑިސެންބަރު 2029 އަށް ވަނީ ފަސްކޮށްފައެވެ. އަދި މި ބާވަތުގެ ފެންފުޅި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 1 ޖޫން 2030 އަށް ފަސްކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅާފައެވެ.

ހަމައެއާއެކު، ލިސްޓުގެ 14 ވަނަ ނަންބަރަށް ގެންނެވި ބަދަލުގައި، ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ވަނީ ކުޑަކޮށްފައެވެ. މި ބަދަލާއެކު، 250 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި) މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމުގެ އިތުރުން ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުތަކުގެ ދަށުން ގެންނެވި މި އިޞްލާޙުތައް، ޤަރާރު ނަންބަރު 15/2026 ގެ ދަށުން މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައި ޢަމަލުކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު