ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ނާއިބް ރައީސް ފައިސަލް ނަސީމް އާއި ސަލާމްކުރައްވަނީ
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ނާއިބް ރައީސް ފައިސަލް ނަސީމް އާއި ސަލާމްކުރައްވަނީ
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހާއްސަ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މާލޭގެ ސޯލްޓް ކެފޭ އިމާރާތުގައި ހުންނަ ރައީސް ސޯލިހުގެ އޮފީހުގައި މިއަދު މެންދުރުފަހު ކުރިއަށްދިޔަ މި ބައްދަލުވުން ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދެމިގެން ދިޔައެވެ. މިއީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ދެ ބޭފުޅުންގެ މެދުގައި ބޭއްވުނު މުހިންމު ސިޔާސީ މަޝްވަރާއެކެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ވޭތުވެދިޔަ މަހު ރައީސް ސޯލިހު ދެއްވާފައިވާއިރު، ފައިސަލް ނަސީމް ވެސް ވަނީ އެ ރޭހަށް ނުކުންނެވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ކުރިން ހާމަކުރައްވާފައެވެ. ނަމަވެސް، މި ދެ ބޭފުޅުންކުރެ އެއްވެސް ބޭފުޅަކު އަދި ރަސްމީކޮށް ކެންޑިޑެސީ އިއުލާނެއް ނުކުރައްވައެވެ.

މިއަދުގެ ބައްދަލުވުމަށްފަހު ނޫސްވެރިޔަކާ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ރައީސް ސޯލިހާ ބައްދަލުކުރެއްވީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާ މެދު މަޝްވަރާކޮށްލެއްވުމަށް ކަމަށެވެ. އެގޮތުން ޕާޓީގެ ޓިކެޓް ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް ރަސްމީ ނިންމެވުން އާންމުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ ރޭހުގައި ސޯލިހުގެ ތާއީދު އޮތީ ކޮން ބޭފުޅަކަށްތޯ އުފެދިފައިވާ ސުވާލުތަކާ ގުޅިގެން ފައިސަލް ފާހަގަކުރެއްވީ، މިވަގުތު އެންމެ އިސްކަންދޭންވީ އެމްޑީޕީއަށް ވެރިކަން ކާމިޔާބު ކުރެވޭނެ އެންމެ ފުރިހަމަ ގޮތްތައް ހޯދުމަށް ކަމަށެވެ. އަދި ގައުމާއި ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑަށް ހިމެނޭ ގޮތަށް ރައީސް ސޯލިހު ގޮތް ނިންމަވާނެ ކަމަށް އިތުބާރު ކުރައްވާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް