ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތަކަށް ގެންނަވަމުންދާ ކުއްލި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވެ، މުޅި އިގުތިސޯދު ހުއްޓިދާނެ ކަމުގެ އިންޒާރު ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ޑޮލަރު މާރުކުރާ މިންވަރު 40 ޕަސެންޓަށް ބަދަލުކުރުމާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އަތުން ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން ޓެކްސް ނަގަން ނިންމާފައިވާ ނިންމުންތަކަކީ އެއްވެސް އުސޫލެއް ނެތި، އަވަސްއަރައިގަނެގެން ގެންޝއަންނަ ބަދަލުތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގެ ހަމަތަކާއި މުއާހަދާތަކާ ހިލާފުވުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވިގޮތުގައި ވާދަވެރި މާހައުލެއްގައި ރާއްޖެއަކީ ފައިދާނުވާ މަންޒިލަކަށް ވެއްޖެނަމަ، އޮޕަރޭޓަރުން ރާއްޖެ ވިއްކުން ހުއްޓާލާނެއެވެ. އަދި މިއީ ރާއްޖޭގެ އިގުތިސޯދުގެ "ރަން ބިސް އަޅާ ކުކުޅު" މަރާލުން ފަދަ ކަމެއް ކަމަށާއި، މީގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ، އެތައް ހާސް ދިވެހިންނެއްގެ ވަޒީފާ ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ސިނާއަތުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މިފަދަ ސިޔާސަތުތައް ތަންފީޒުކުރުން އަވަސް އަރުވާލައިގެން ކުރިއަށް ނުގެންދިޔުމަށް ފައްޔާޒު ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު