މިސް ޔުނިވާސް އިވެންޓެއްގެ ފައިނަލް
މިސް ޔުނިވާސް އިވެންޓެއްގެ ފައިނަލް
ޕުއެޓޯ ރިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ މިސް ޔުނިވަރސް މުބާރާތުގައި ތައިލެންޑާއި ދެކުނު އިރުމަތީ އޭޝިއާގެ އިތުރު ފަސް ޤައުމަކަށް ބައިވެރިނުވެވިދާނެ ފަދަ ޤާނޫނީ މައްސަލަގަނޑެއްގެ ތެރެއަށް ތައިލެންޑްގެ މިސް ޔުނިވަރސް ފްރެންޗައިޒް ވަދެއްޖެއެވެ.

މިސް ޔުނިވަރސް ބްރޭންޑްގެ މިލްކުވެރިކަން އޮންނަ ޖޭ.ކޭ.އެން ޔުނިވަރސް އެލް.އެލް.ސީ އިން ހާމަކުރާ ގޮތުގައި، ތައިލެންޑް، އިންޑޮނޭޝިއާ، ވިއެޓްނާމް، ލާއޯސް، މެލޭޝިއާ އަދި ސިންގަޕޫރު ހިމެނޭހެން ހަދާފައިވާ ފްރެންޗައިޒް އެއްބަސްވުންތައް އެ ކުންފުނިން ބަލައެއް ނުގަނެއެވެ. އެ ކުންފުނިން ބުނަނީ އެ އެއްބަސްވުންތަކަކީ ތައިލެންޑްގެ ނަވަތު އިތްސަރަގްރިސިލް އިސްވެ ހުންނަވާ މިސް ޔުނިވަރސް އީސްޓަން މެދުވެރިކޮށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށާއި، މިސް ޔުނިވަރސްގެ ފްރެންޗައިޒް ދިނުމުގެ ނުވަތަ ބަދަލުކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް އެ ފަރާތަށް ލިބިގެން ނުވާ ކަމަށެވެ.

މި މައްސަލައިގެ ސަބަބުން ތައިލެންޑްގެ އިތުރުން ދެން ހިމެނޭ ފަސް ޤައުމުގެ ބައިވެރިންގެ ފުރުޞަތު ގެއްލުމުގެ ބިރު ވަނީ ހީވެފައެވެ.ނަމަވެސް ނަވަތު އާއި މިސް ޔުނިވަރސް ތައިލެންޑުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، އެއްބަސްވުންތަކާއި ބައިވެރިންގެ ޞައްޙަކަން ދަމަހައްޓާފައެވެ. އަދި މިސް ޔުނިވަރސް އީސްޓުން ވެސް ވަނީ ޖޭ.ކޭ.އެން ޔުނިވަރސްގެ މި ނިންމުމަށް ދެކޮޅު ހަދާފައެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ 2025 ވަނަ އަހަރު ބެންކޮކްގައި ބޭއްވުނު މުބާރާތާ ގުޅިގެން ނަވަތުއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު، އެކަން ފްރެންޗައިޒް ޙައްޤުތަކާއި ކުންފުނީގެ ބާރުތަކުގެ އިތުރުން މާލީ މައްސަލަތަކެއްގެ ތެރެއަށް ފުޅާވެގެން ދިއުމާ ގުޅިގެންނެވެ.

މުބާރާތް ބާއްވާ ތާރީޚު ކައިރިވަމުން އަންނައިރު، އުފެދިފައިވާ މި ޤާނޫނީ އަރާރުމުގެ ސަބަބުން ތައިލެންޑާއި ދެކުނު އިރުމަތީ އޭޝިއާގެ ފަސް ޤައުމަކަށް މުބާރާތުގައި ބައިވެރިވެވޭނެ ކަމާމެދު މިހާރު ވަނީ ވަރަށް ބޮޑަށް ޝައްކު އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު