ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން
ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން
އދ. އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވަނީ ޣައްޒާއާއި ހުޅަނގު ކަރައިގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށާއި އިސްރާއީލުގެ "ނަސްލުނައްތާލުމުގެ ވިސްނުމަށް" ވަރުގަދައަށް ފާޑުވިދާޅުވެފައެވެ.

ނިއުޔޯކްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އުރުދުޣާން ތަގުރީރު ކުރެއްވި ވަގުތު އިސްރާއީލުގެ ވަފުދު ވަނީ މަޖިލިސް ދޫކޮށް ނުކުމެފައެވެ. ނަމަވެސް ފަލަސްތީނުގެ މަންދޫބުން ވަނީ އުރުދުޣާންގެ ވާހަކަފުޅަށް އަތްޖަހައި މަރުހަބާ ކިޔާފައެވެ.

އުރުދުޣާންގެ ތަގުރީރުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އެ އެއްބަސްވުމަށް ފަހުވެސް ޣައްޒާއިން 1,300 އަށްވުރެ ގިނަ އާންމުން ޝަހީދުކޮށްލާފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ޣައްޒާއަކީ "މި ޒަމާނުގައި ފެނުނު އެންމެ ލާއިންސާނީ، އަދި އެންމެ ލަދުވެތި ކޮންސެންޓްރޭޝަން ކޭމްޕު" ގެ ގޮތުގައި ސިފަކުރައްވަމުން، އުރުދުޣާން ވިދާޅުވީ އިންސާނިއްޔަތުކަމާއި ކުޅުނުކަން ހުރި އެއްވެސް މީހަކަށް އިސްރާއީލުގެ މި އަނިޔާވެރިކަމަށް ލޯ މަރާލައިގެން ނުހުރެވޭނެ ކަމަށެވެ.

މީގެއިތުރުން، ހަމާސްއާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން ހަމަލާތައް ހުއްޓާލުމުގެ ދެވަނަ މަރުހަލާ ގަބޫލުކޮށްފައިވީ ނަމަވެސް، އިސްރާއީލުން ޣައްޒާއާއި ހުޅަނގު ކަރައިގައި ހިންގާ އުދުވާންތައް ހުއްޓާލާފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މަޝްރަހުގައި ސުލްހަ ގާއިމުކުރުމަށް އދ. ނުކުޅެދިފައިވާ ކަމަށްވިދާޅުވެ އުރުދުޣާން ވަނީ އދ. އަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މީގެ 81 އަހަރު ކުރިން އދ. އުފެއްދީ دުނިޔޭގެ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ކަމަށްވީ ނަމަވެސް، އެ އިދާރާއަށް އެ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާ ކަމަށެވެ.

އަދި ފަލަސްތީނާއި، ލެބަނަން އަދި ސޫދާން ފަދަ ގައުމުތަކުގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމަތަކުގައި އދ. ގެ ދައުރު ކެނޑި، އެ އިދާރާގެ ބާރު ކެނޑެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެމެރިކާއިން ވިސާ ނުދިނުމުގެ ސަބަބުން ފަލަސްތީނުގެ ރައީސް މަހްމޫދު އަައްބާސް އދ. ގެ އާންމު މަޖިލީހަށް ހާޒިރުވެވަޑައިނުގަނެވުނު މައްސަލައަށް އަލިއަޅުއްވާލައްވަމުން އުރުދުޣާން ވިދާޅުވީ، ރައީސް އަައްބާސް ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވުނު ނަމަވެސް، މިނިވަން މުސްތަގިއްލު ފަލަސްތީނެއްގެ އަޑު އިއްވުމުގައި ތުރުކީ ދެމިއޮންނާނެ ކަމަށެވެ.

މީގެއިތުރުން، ރޫސީވިލާތާއި އޫކްރެއިންގެ ހަނގުރާމައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، އޫކްރެއިންގެ ސަރަހައްދީ ނަޒާހަތްތެރިކަމާއި ސިޔާދަތު ރައްކާތެރިކުރެވޭނެ ގޮތެއްގެ މަތިން އެ ހަނގުރާމަ އަވަހަށް ނިންމުމަކީ ތުރުކީގެ އިޚްލާޞްތެރި އެދުން ކަމުގައި އުރުދުޣާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު