ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށް ވީހިނދު، އިސްލާމީ މުޖުތަމަޢެއްގައި އޮންނަންޖެހޭ އެންމެ މުހިންމު ސިފައަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދިވެހީންގެ މާދަރީ ބަހާއި، ތާރީޚާއި، ސަޤާފަތް އަދި އާދަކާދަތައް ބިނާވެގެންވަނީ އިސްލާމީ މަތިވެރި އަސާސްތަކުގެ މައްޗަށެވެ.

އެހެންކަމުން، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު އެންމެ ބޮޑަށް އަށަގަންނުވަން ޖެހިފައިވަނީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ސިފައެވެ.

ސަރުކާރުން ފަށާފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަކީ މި މުހިންމު މަޤުޞަދު ހާސިލުކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން ރޭވިފައިވާ މަޝްރޫޢެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޖުތިމާޢީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފެދިގެން އައި ހިސާބުން ފެށިގެން، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަމާއި އިޙްތިރާމްކުރުމުގެ ރިވެތި ސިފަތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވަރަށް ބޮޑަށް ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ.

ނަމަވެސް، މީގެ ކުރިން ދިވެހީންނަކީ އެއްބަޔަކު އަނެއްބަޔަކަށް އިންތިހާއަށް އިޙްތިރާމް ކުރަމުން އައި އެކުވެރި ބައެއްކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ.

މި މަޝްރޫޢަކީ ދިވެހިންގެ ޤައުމީ އައިޑެންޓިޓީ ހިފެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.

"އިޙްތިރާމުގެ އުފާ، މުޖުތަމަޢުގެ ނަފާ" މި ޝިޢާރުގެ ދަށުން 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޤައުމީ ކެމްޕޭން ކުރިއަށްދާނީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނާއި ހުރިހާ ފަންތިއެއް ޝާމިލުވާ ގޮތަށް، ދިވެހި މުޖުތަމަޢުން ނެތެމުންދާ ރީތި އަދަބު އަޚްލާޤާއި އާދަތައް އަލުން ދިރުވައި އާލާކުރުމުގެ މަޤުޞަދުގައެވެ.



ކިޔުންތެރިންގެ ހިޔާލު