ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ
ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ
މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ، މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕެންޝަން އޮފީހުގެ ހިންގުމުގެ ތެރޭގައި ފާހަގަކުރެވުނު އިދާރީ މައްސަލައަކާ ގުޅިގެން ޝިއުނާ މަސައްކަތުން އެކަހެރިކޮށް، ސަސްޕެންޑުކޮށްފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ނަމަވެސް، މި ފިޔަވަޅު އަޅަން މެދުވެރިވި މައްސަލައިގެ ހަގީގަތާއި އިތުރު އެއްވެސް ތަފްސީލެއް އެ އިދާރާއިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ޕެންޝަން އޮފީހުން ބުނީ، ވަކިވަކި މުވައްޒަފުންނާ ގުޅޭގޮތުން އަޅާ އިދާރީ ފިޔަވަޅުތަކުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރުމަކީ އެ އިދާރާގެ އުސޫލު ހަމަޖެހިފައިވާ ގޮތް ނޫން ކަމަށެވެ. އެހެންނަމަވެސް، އިދާރީ ބަދަލުތަކާ އެކުވެސް، ޕެންޝަން އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އެންމެހައި ހިދުމަތްތައް އެއްވެސް މެދުކެނޑުމެއް އަދި ދަތިކަމެއް ނެތި ކުރިއަށްގެންދިއުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އާންމު އުސޫލުގެ ދަށުން ހުރިހާ ހިދުމަތްތަކެއް މިހާރުވެސް ލިބެމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ އޮފީހުން ވަނީ ދީފައެވެ.

ޕެންޝަން އޮފީހުގެ އިސް މަގާމަކާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިއުނާ ވަނީ ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަން ކުރައްވާފައިވާއިރު، ރާއްޖޭގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ ގޮތުގައިވެސް އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު