ވައި ނުސާފު ދުވަހެއް-
ވައި ނުސާފު ދުވަހެއް-
ރާއްޖޭގެ ވައި ނުސާފުވަނީ ސަރަހައްދީ އިމުން ބޭރުން އަންނަ "ކްރޮސް ބައުންޑަރީ" މައްސަލައެއްގެ ސަބަބުން ކަމަށާއި، މިކަމުން އަރައިގަތުމަށް ވައިގެ ކޮލިޓީ ވަރަށް ގާތުން މޮނިޓަރކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައި ނުސާފުވުމުގެ މައްސަލައާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ވައިގެ ސާފުމިންވަރު އެންމެ ބޮޑަށް ދަށްވަނީ އިރުވައި މޫސުމަށް ވައި އެނބުރުމުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އުތުރުން އޭޝިއާ ބައްރުގައި އޮތް ބޮޑެތި ސިނާއީ ގައުމުތައް ކަމަށްވާ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ޗައިނާ ފަދަ ގައުމުތަކުގެ މަތިން އަންނަ ނުސާފު ވައިގެ ސަބަބުން ރާއްޖޭގެ ޖައްވު ނުސާފުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ އެހެން ގައުމުތަކެއްގެ އިގްތިސާދާއި އެ ގައުމުތަކުގެ އާންމުންގެ ދިރިއުޅުމުގެ ބޭނުންތަކާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން އެ ގައުމުތަކުގެ އިންޖީނުގެތަކާއި ކާރުޚާނާތައް ހުއްޓާލަން ރާއްޖެއަށް ނޭދެވޭނެ ކަމަށާއި، އެ ގައުމުތަކުގައި ވެސް ވިހަ ގޭސް ބޭރުކުރާ މިންވަރު މަދުކުރުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް އެއީ ހައްލުވާން ގިނަ ދުވަސްތަކެއް ނަގާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އިންޑިއާގެ ވެރިރަށް ދިއްލީ ފަދަ ސަރަހައްދުތަކުގައި ވައިގެ ކޮލިޓީ އިންތިހާއަށް ގޯސްވާ ދުވަސްތައް ދިމާވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި މައްސަލައަކީ ސަރަހައްދީ މައްސަލައަކަށް ވާތީ އެ ގައުމުތަކާ އެކު މިހާރުވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ގައުމުތަކުގެ އެހީތެރިކަމާ އެކު ވައިގެ ސާފުމިންވަރު ދެނެގަންނަ ބައެއް އާލާތްތައް ރާއްޖޭގައި މިހާރުވެސް ހަރުކޮށްގެން ބޭނުންކުރަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަލީ ޝަރީފް އިތުރަށް ވިދާޅުވީ، މި ހާލަތުގައި ރާއްޖެއަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވައިގެ ކޮލިޓީ ބަރާބަރަށް ބަލައި މޮނިޓަރކޮށް، އާންމުންގެ ސިއްހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ކަމަށެވެ. އަދި އެފަދަ ފިޔަވަޅުތައް އެޅެން އޮތީ ވައިގެ ކޮލިޓީ ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިގެން ކަމަށްވާތީ، މިނިސްޓްރީގެ ދަށުން މިހާރު ވެސް އެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު