އައްޑޫ އަދި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އެމްޑަބްލިއުއެސްސީ
އައްޑޫ އަދި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އެމްޑަބްލިއުއެސްސީ
އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ފެނަކަ ކޯޕަރޭޝަނުން މިހާރު ފޯރުކޮށްދެމުން އަންނަ ފެނާއި ނަރުދަމާގެ އެންމެހައި ޚިދުމަތްތައް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ދަށަށް ބަދަލުކުރުމަށްޓަކައި ޚާއްޞަ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މާލޭގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފް ޙުސައިނެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ސިޓީގެ ރައްޔިތުންނަށް އެއްވެސް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ގޮތެއްގައި މި ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އަދި ހަމައެހެންމެ، ހަރުދަނާ އުސޫލުތަކެއްގެ މަތިން، ދެފުށް ފެންނަ ގޮތަށް ޚިދުމަތް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.

މި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން، ފެނާއި ނަރުދަމާއާ ގުޅޭ އެންމެހައި އޮޕަރޭޝަންތަކާއި، އިންފްރާސްޓްރަކްޗަރާއި ވަސީލަތްތައް ރަސްމީކޮށް އެމްޑަބްލިއުއެސްސީއާ ހަވާލުކުރެވޭނެއެވެ. މީގެ އިތުރުން، އެ ދެ ސިޓީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، ކަސްޓަމަރުންގެ ރެކޯޑުތަކާއި، ވެވިފައިވާ އެއްބަސްވުންތަކުގެ އިތުރުން އިންވެންޓްރީއާއި އެހެނިހެން ޒިންމާތައްވެސް، ކަނޑައެޅިފައިވާ ޚާއްޞަ އުސޫލުތަކުގެ ދަށުން ޔަގީންކުރުމަށްފަހު އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކުރެވިގެންދާނެއެވެ.

ދެ ކުންފުނިން ވެސް ހާމަކޮށްފައިވާ ގޮތުގައި، ޚިދުމަތްތައް ބަދަލުކުރުމުގެ މި މަރުޙަލާ ކުރިއަށްދާއިރު، ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު އެއްވަރެއްގައި ހިފެހެއްޓުމަށާއި، ހުރިހާ ލިޔެކިޔުންތަކާއި އިންތިޒާމުތައް ފުރިހަމަކޮށް ޚިދުމަތްތައް އޮމާންކަމާއެކު ޙަވާލުކުރުމަށް ދެ ފަރާތް ގުޅިގެން ގާތުން މަސައްކަތް ކުރަމުންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް