ހޯމް މިނިސްޓަރު އަލީ އިހުސާން އަހާ ފޯރަމްގައި ވާހަކަ ދައްކަވަނީ
ހޯމް މިނިސްޓަރު އަލީ އިހުސާން އަހާ ފޯރަމްގައި ވާހަކަ ދައްކަވަނީ
ރާއްޖޭގެ ބޯޑަރު ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ސަބަބުން، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގައި ބޮޑެތި ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ހިންގަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދާރީވުމުގެ މަގުސަދުގައި ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 7 ވަނަ ސެޝަންގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައިފަހުން ރާއްޖޭގެ ބޯޑަރު ސެކިއުރިޓީ ވަރަށް ވަރުގަދަ ކުރެވިފައިވާ ކަމަށެވެ. މިގޮތުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޮޑީ ސްކޭނަރު ބަހައްޓައިގެން، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ މަސައްކަތް ހަރުދަނާކޮށް ކުރިއަށް އެބަގެންދެ އެވެ. މީގެ އިތުރުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް މިފަދަ އިންޓަސެޕްޝަންތައް ކުރިއަށްގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބޯޑަރު ސެކިއުރިޓީގެ މަސައްކަތްތައް ހަރުދަނާވެފައިވާ ކަމުގެ ހެއްކެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ، އިއްޔެވެސް ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ނޭޕާލްގެ ދެމީހަކު ހައްޔަރުކުރި މައްސަލަ އެވެ. މި ދެމީހުންގެ ހަށިގަނޑު ބަލާ ފާސްކުރުމުން މަސްތުވާތަކެތި ފެނުމާއެކު، ހެކިތަކާއެކު އެމީހުން ހައްޔަރަށް ނަގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުން ދައްކައިދެނީ ކުރިން ނުފެންނަ ގިނަ ކަންތައްތަކެއް މިހާރު ބޯޑާ އިންޓަސެޕްޝަންތައް މެދުވެރިކޮށް ހުއްޓުވަމުންދާ ކަމަށެވެ.

ބޯޑަރު ސެކިއުރިޓީއަށް އިތުރު މުވައްޒަފުން ބޭނުންވޭތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިވަގުތަށް ބަލާއިރު އިތުރަށް މުވައްޒަފުން ބޭނުމެއް ނޫން ކަމަށެވެ. މިވަގުތު ކުރިއަށްގެންދާ އިންޓަސެޕްޝަންތަކާއި، އިންޓެލިޖެންސް ބޭސްޑް އިންޓަސެޕްޝަންތައް ކުރިއަށް ގެންދިޔައިމަ، ހަށިގަނޑުގަ ފޮރުވައިގެން ނުވަތަ ބިދޭސީން ފޮށިފޮށީގައި ރައްކާކޮށްގެން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް މިނިސްޓަރު ފާޅުކުރެއްވިއެވެ.

މަސްތުވާތަކެތީގެ ދެވަނަ ފްރޮންޓަކީ ރާއްޖޭގެ ސަރަހައްދު ތެރޭގައި މަސްތުވާތަކެތި ވިއްކުމާއި މިކަންކަން ހުއްޓުވުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ބޯޑަރުތަކަށް މަސްތުވާތަކެއްޗާއެކު މީހުން އަންނަ ކަމަށާއި، ނަމަވެސް ރާއްޖެއަކީ ވެސް މިހާރު މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ގައުމެއްކަން މީހުންނަށް އެނގޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގައި ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އަންނަ ބިދޭސީން ހިފަހައްޓާ، ޖަލުގައި ބޭތިއްބުމަށް ފަހު ޑީޕޯޓުކޮށްލާ ކަމަށެވެ. އަދި ދިވެހިންނަށް ނަމަ އުމުރު ދުވަހަށް ނުވަތަ ވަކި އަހަރުތަކަކަށް ޖަލު ހުކުމް އިއްވާ ކަމަށެވެ. ނަމަވެސް، ފަހުން ގާނޫނަށް ގެނެވުނު ބަދަލާއެކު، ރާއްޖެއަށް ވަކި މިންވަރަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މިހާރު މަރުގެ ހުކުމް އިއްވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި މަރުގެ ހުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ކޮމިޓްމެންޓެއް ކަމަށް ވިދާޅުވަމުން، މިނިސްޓަރު އިހުސާން ވިދާޅުވީ، މިކަމުން ބޭރުގެ ޑްރަގް މިއުލްގެ ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް ވަރަށް ސާފު މެސެޖެއް ދެވެމުންދާ ކަމަށެވެ. މިގޮތުން، ރާއްޖެއަކީ މަސްތުވާތަކެއްޗާ ދެކޮޅަށް އެއްވެސް މާފެއް ނުދޭނެ، ވަރަށް ހަރުކަށިކޮށް މަސައްކަތްކުރާ ގައުމެއްކަން ހާމަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް