ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)
ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަރައްޤީކުރަމުން އަންނަ ރަސްމާލެ މަޝްރޫޢު ނިމި، އެތަން ދުބާއީ ފަދަ ތަނަކަށް ވެގެންދާތަން ބަލަން އެމްޑީޕީގެ ބައެއް މެންބަރުންގެ ހިތަކަށް ކެތްނުވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2008 ވަނަ އަހަރަށްފަހު ދިވެހިރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދަށް އެންމެ ބޮޑަށް ގެއްލުންދިނީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ވެއްދި ބައެއް މެންބަރުން ކަމަށެވެ. އެގޮތުން، 2015 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރުން ހުޅުމާލެ ފޭސް 2 ހިއްކަން ފެށިއިރުވެސް، އަދި ސިނަމާލެ ބުރިޖާއި ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ފެށިއިރުވެސް އެއީ ކުރެވޭނެ ކަންކަން ނޫން ކަމަށް ބުނެ އެމްޑީޕީން ދޮގު ވާހަކަތައް ފެތުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ފަހުން އެމްޑީޕީގެ ވެރިކަމުގައި އެ ތަންތަން ވެގެންދިޔައީ ދިވެހިންގެ އެންމެ އަގުހުރި އެސެޓްތަކަށް ކަމަށާއި، ޕީޕީއެމް-ޕީއެންސީ ފިކުރުން އުފައްދާ ކޮންމެ އެސެޓެއް މޯގޭޖްކޮށް ޤައުމު ދަރުވަމުން ދިޔައީ ހަމަ އެމްޑީޕީން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، 1997 ވަނަ އަހަރު ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ފެށި ހުޅުމާލެ ފޭސް 1 ގެ މަސައްކަތް ނިންމައި، ޕީޕީއެމުން 2015 ގައި ފޭސް 2 ނިންމައި އާބާދުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ ފިޔަވަހިން ފްލެޓާއި ގޯތި ލިބިގެންދިޔައީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ހިތަދޫއާ ދެމެދު ހުރިހާ އަތޮޅެއްގެ ރައްޔިތުންނަށާއި މާލޭގެ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، މިހާރު ޕީއެންސީގެ ވެރިކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމާލެ ހިއްކަން ފެއްޓެވީ ޤައުމަށް ދެވަނައެއް ނެތް ފަދަ އަގުހުރި އެސެޓެއް އިތުރުކުރުމުގެ ބޭނުމުގައި ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރަސްމާލެ މަޝްރޫޢާ ދެކޮޅަށް މަޖިލީހުގައި ވާހަކަދައްކަވަމުން، "ރާއްޖެއަށް ދިމާވެފައިވާ ހުރިހާ މައްސަލައެއްގެ އަސްލަކީ އަދި އިޤްތިޞާދީ ކާރިސާގެ އަސްލަކީ ރަސްމާލެ" ކަމަށް އެމްޑީޕީގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ޝާހިދު ވަނީ ތުހުމަތުކުރައްވާފައެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ސަރުކާރުން ތަރައްޤީކުރަމުން އަންނަ ރަސްމާލެ މަޝްރޫޢު ނިމި، އެތަން ދުބާއީ ފަދަ ތަނަކަށް ވެގެންދާތަން ބަލަން އެމްޑީޕީގެ ބައެއް މެންބަރުންގެ ހިތަށް ކެތްނުވާނެ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އިޚްލާޞްތެރިކަމާއެކު ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ލަސްނުވެ ނިމެމުންދާނެ ކަމަށާއި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީން ހުރިހާ ރައްޔިތުންނަށްވެސް އިންސާފުވެރިކަމާއެކު ތަރައްޤީ ގެނެސްދޭނެ ކަމުގެ ޔަޤީންކަން ޝާޑު ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް