ހުރިހާ ޢުމްރާވެރިންނަށް އެ މީހަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުން
ހުރިހާ ޢުމްރާވެރިންނަށް އެ މީހަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުން
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް ވަޑައިގަންނަވާ ހުރިހާ ޢުމްރާވެރިންނަށް އެ މީހަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މީގެކުރިން އެއްވެސް އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިއޮތީ މާލެ ސިޓީގައި އެކަނި ކަމަށްވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖުވެރިންނަށް ދެއްވި ޔަޤީންކަމާ އެއްގޮތަށް، އަންނަ ނޮވެމްބަރު މަހުގެ ޢުމްރާއިން ފެށިގެން މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުންވެސް އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ މަގު ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ފަހިކޮށްދީފައެވެ.

މި އިންތިޒާމުގެ ދަށުން މާލެ ސިޓީގައި ދިރިއުޅުއްވާ ފަރާތްތަކަށް ވެކްސިން ޖެހުން ހަމަޖެހިފައިވަނީ މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރުގައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން ވެކްސިން ޖައްސަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފަރާތެއް ހުންނެވި ސަރަހައްދަކާ އެންމެ ކައިރިން ވެކްސިން ލިބެންހުރި މަރުކަޒަކުން ވެކްސިން ޖެހޭނެއެވެ.

އެހެންކަމުން، ޙައްޖު ކޯޕަރޭޝަންގެ ފަހެލި ޕޯޓަލުން "ވެކްސިން ޖެހުމަށް އެދޭ ލިޔުން" ނަންގަވައިގެން އެންމެ ކައިރީގައިވާ ޞިއްޙީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ވަޑައިގަތުމުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މިއަދުން ފެށިގެން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މި ލިޔުން ބޭނުންކުރައްވައިގެން ސްޓޭޓްފާމާގެ ބޭސްފިހާރަތަކުން އިތުރު އަގަކާ ނުލައި އިންފްލުއެންޒާ ވެކްސިންވެސް ބައްލަވައިގަނެވޭނެއެވެ.

ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ އިންފްލުއެންޒާ، މެނިންޖައިޓިސް އަދި ޕޯލިއޯ ވެކްސިނެވެ. ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅުއްވި މި މުހިންމު ފިޔަވަޅުގެ ދަށުން މި ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދަނީ ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި ސްޓޭޓް ފާމާއާ ގުޅިގެންނެވެ.

އަދި މިކަމާ ގުޅޭގޮތުން އެއްވެސް އިތުރު މަޢުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ގުޅުއްވުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް