ހއ. ދިއްދޫގައި ތަރައްޤީކުރި ޒަމާނީ އައުޓްޑޯ ވޮލީ ކޯޓު ހުޅުވުން، ފޮޓޯ: ޔޫތު މިނިސްޓްރީ
ހއ. ދިއްދޫގައި ތަރައްޤީކުރި ޒަމާނީ އައުޓްޑޯ ވޮލީ ކޯޓު ހުޅުވުން، ފޮޓޯ: ޔޫތު މިނިސްޓްރީ
ހއ. ދިއްދޫގައި އަލަށް ތަރައްޤީކުރި ފުރިހަމަ އައުޓްޑޯ ވޮލީ ކޯޓު ރަސްމީކޮށް ރޭ ހުޅުވައި، ބޭނުންކުރަން ފަށައިފިއެވެ.

ދިއްދޫގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ވޮލީ ކޯޓު ހުޅުވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީންގެ އިތުރުން ރަށުގެ ކައުންސިލާއި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

ކޯޓު ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޢަބްދުﷲ ރާފިޢު ވިދާޅުވީ، މިފަދަ ވަސީލަތެއް ދިއްދޫގައި ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ދިވެހިރާއްޖެ ތަމްސީލުކޮށް، ފަޚުރުވެރި ކާމިޔާބީތައް ހޯދައިދޭނެ ހުނަރުވެރި ވޮލީ ކުޅުންތެރިންތަކެއް އެ ރަށުން އުފެދިގެން ދިއުން ކަމަށެވެ. އަދި މި ވަސީލަތުގެ ބޭނުން ރަށުގެ އެންމެހައި ރައްޔިތުންނާއި ޒުވާނުން ޒިންމާދާރުކަމާއެކު، އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްވެސް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން، ކުޅިވަރަކީ ހަމައެކަނި ވަގުތީ އުފަލަކަށް ނުވަތަ މުނިފޫހިފިލުވުމަށް ކުރާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކުޅިވަރަކީ މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ހަށިހެޔޮކަން ދަމަހައްޓައިދީ، އަފްރާދުންގެ އަޚްލާޤާއި ސުލޫކު ރަނގަޅުކޮށްދޭ އަގުހުރި ވަސީލަތެއް ކަމަށެވެ. އަދި އެއީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ބަދަހިކުރުމަށް އެޅޭ ވަރަށް މުހިންމު ބާރެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތަށްފަހު، މި އައު ވޮލީ ކޯޓުގައި ޚާއްޞަ އެކުވެރިކަމުގެ ވޮލީބޯޅަ މެޗެއްވެސް ވަނީ ކުޅެފައެވެ.



ދިއްދޫގައި ތަރައްގީކުރި ވޮލީ ކޯޓު


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަތޮޅުތަކުގެ އެކި ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 10 ރަށެއްގައި ފެންވަރު ރަނގަޅު ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު