ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ރާއްޖޭގެ ބިމުގައި ބޭރު ޤައުމެއްގެ ބަޔަކު ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވަ ވަރުގެ ކަމެއްނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރަށްވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ރާއްޖޭގައި އެންމެ ބޮޑަށް އެ ގާނޫނަކާ އެއްގޮތަށް އަމަލުނުކުރެވޭ ގާނޫނަކީ ބޭރުމީހުންނާ ބެހޭ ގާނޫނު ކަމަށެވެ.

އެގޮތުން ގާނޫނަކުން ދިވެހިންނަށް ވަކި އަދަދަކަށް ވަޒީފާ ދޭން ލާޒިމު ކޮށްފައިވީ ނަމަވެސް، ބޭރުގެ އިންވެސްޓަރުންގެ ރިސޯޓުތަކުން އެކަން ތަފީޒު ކުރެވޭތޯ ޒިޔާދު ވަނީ ސުވާލު އުފައްދަވާފައެވެ.

"ގާނޫނު އަޅުގަނޑުމެންނަށް ހެދިދާނެ. މިއަދު އެ ބުނަނީ 15 ހާސް ވަޒީފާގެ ފުރުސަތު މިތަނުން ލިބޭނެއޭ. ގާނޫނެއްގައި އަޅުގަނޑުމެން އެހެން ލިޔުނަސް އެކަމެއް ނުވެއޭ." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ، އެއް ގައުމު ކަމަށެވެ. އަދި އެ ދާއިރާގައި ގިނަ އަދަދަކަށް ފޮރިން އިންވެސްޓަރުން އެބަތިބި ކަމަށް ޒިޔާދު ވިދާޅުވިއެވެ. ނަމަވެސް ދިވެހިންނަށް ލިބިފައި ހުރި ފުރުސަތުތައް ލިބިފައިވަނީ ދިވެހި އިންވެސްޓަރުންގެ ފަރާތުންކަން ޒިޔާދު ފާހަގަ ކުރެއްވިއެވެ.

"ދިވެހިރާއްޖޭގައި އެންމެ ބޮޑަށް އަމަލުނުކުރާ ގާނޫނަކީ ބޭރުމީހުންނާ ބެހޭ ގާނޫނު. ދިވެހިރާއްޖޭގެ ބިމުގައި އެހެންބަޔަކު ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއްނޫން." ޒިޔާދު ވިދާޅުވިއެވެ.

ހަމައެއާއެކު، އީގަލް ހިލްސް މަޝްރޫއަށް އަލިއަޅުވާލައްވަމުން ޒިޔާދު ވިދާޅުވީ، އުސޫލީގޮތުން އޭނާ އެއްވެސް ޙާލެއްގައި ބޭރުގެ އިންވެސްޓަރުންނާއި ދެކޮޅުނޫން ކަމަށެވެ. ނަމަވެސް ބޭރު މީހުންގެ ރިސޯޓުތަކުގައި ވަޒީފާގައި ތިބި ދިވެހިންގެ އަދަދު މަޖިލީހުގެ މެންބަރުންވެސް ބަލާލުން ރަނގަޅުކަމަށް ތަކުރާރުކޮށް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު