މަގުމަތީގެ އަމާންކަން ކަށަވަރުކުރުމުގެ އޮޕަރޭޝަން ވަޒީރު އިހުސާން ބައްލަވާލެއްވުން، ފޮޓޯ: ފުލުހުން
މަގުމަތީގެ އަމާންކަން ކަށަވަރުކުރުމުގެ އޮޕަރޭޝަން ވަޒީރު އިހުސާން ބައްލަވާލެއްވުން، ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ހާއްސަ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތްތައް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ރޭ ބައްލަވާލައްވައިފިއެވެ.

ވަޒީރު ޢަލީ އިޙްސާންގެ މި ޒިޔާރަތުގައި، އޮޕަރޭޝަންގައި ހަރަކާތްތެރިވަމުންދާ ފުލުހުންގެ މަސައްކަތްތައް ގާތުން ބައްލަވާލައްވައި، ފްރަންޓްލައިންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފުލުހުންނަށް ހިތްވަރު ދެއްވިއެވެ. މި ޒިޔާރަތަކީ، ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ވަޒީރު ދެއްވާ ހާއްސަ އަހައްމިއްޔަތު ރަމްޒުކޮށްދިން ޒިޔާރަތެކެވެ.

ފުލުހުން މި ހާއްސަ އޮޕަރޭޝަންގައި ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅު އަޅަމުންދަނީ މަގުމަތީގައި ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، އުޅަނދަށް ބަދަލުގެނެސް ސައިލެންސަރުގެ އަޑުގަދަކޮށް ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވުމާއި، ދުވެލިމަތަ ތަކަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވުމާއި، ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުމާއި، ނުރައްކާތެރިކޮށް އޯވަޓޭކްކުރުމުގެ އިތުރުން މަސްތުގެ ހާލަތުގައި ދުއްވުމުގެ މައްސަލަތަކަށެވެ. މީގެއިތުރުން، ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލުމާއި ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅަމުންދާނެއެވެ.

މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވުމުގެ މައްސަލަތައް ބޮޑަށް ފާހަގަކުރެވޭ ހުޅުމާލޭގެ މަގުތަކަށާއި، ސިނަމާލެ ބްރިޖާއި މާލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭއަށެވެ. މީގެ އިތުރުން، މުޅި ގްރޭޓަރ މާލެ ސަރަޙައްދު ހިމެނޭހެން މި އޮޕަރޭޝަންގެ ހަރަކާތްތައް ކުރިއަށް ދާނެކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙަނީފާއި، ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޢީމް މީގެކުރިން ވިދާޅުވެފައިވަނީ، މައިގަނޑު އަމާޒަކީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތުންނަށް އަމާންކަމާއެކު މަގުތައް ބޭނުންކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުވަންދެން މި އޮޕަރޭޝަން ކުރިއަށްދާނެ ކަމަށެވެ.

މި މަސައްކަތްތައް ކުރިއަށްދަނީ މި އޮކްޓޫބަރު 1 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނު (ގާނޫނު ނަންބަރު 16/2026) ގެ ދަށުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.



ކިޔުންތެރިންގެ ހިޔާލު