އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީގެ މުގައްރިރު ޔައުގޫބު އަބްދުﷲ
އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީގެ މުގައްރިރު ޔައުގޫބު އަބްދުﷲ
ސްކޫލްތަކުގައި ގުރުއާން މާއްދާ އެސެސް ކުރާއިރު ހަމައެކަނި ފާސް ނުވަތަ ފެއިލް ވާގޮތަށް އޮތުމާމެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެޑިއުކޭޝަން ކޮމިޓީގެ މުގައްރިރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ، ސްކޫލުތަކުގައި ވަކި މާއްދާއެއްގެ ގޮތުގައި ގުރުއާން ކިޔަވައިދޭން ޖެހޭ ކަމަށާއި، ސްކޫލު ނިންމާފައި ނުކުންނައިރު ރީތިކޮށް ގުރުއާން ކިޔަވަން ކޮންމެ ދަރިވަރަކަށްވެސް އެނގެން ޖެހޭނެ ކަމަށެވެ. ނަމަވެސް، އަންނަ އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާ ހިމަނަން ސަރުކާރުން ނިންމާފައިވާއިރު، އެ މާއްދާ އެސެސްކުރަން ކަނޑައަޅާފައިވާ ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެ މާއްދާ އެސެސް މިކުރަނީ ދަރިވަރުންނަށް ލިބޭނީ ޕާސް ނުވަތަ ފެއިލް ނަތީޖާއެއްގެ ގޮތަށް. ދަރިވަރުންނަށް މި ލިބެނީ ގުރުއާނުން ފާސް ނުވަތަ ފެއިލްވި ކަމުގެ ސެޓްފިކެޓެއް،" ޔައުގޫބް ވިދާޅުވިއެވެ.

ހަމައެއާއެކު ޔައުގޫބް ވިދާޅުވީ، ދަރިވަރުން ސްކޫލު ނިންމައި ވަޒީފާއަށް ކުރިމަތިލާއިރު ހުށަހަޅާ ސެޓްފިކެޓްގައި ގުރުއާނުން ފެއިލްވި ކަމަށް އޮތުމަކީ އެ ކުއްޖާއާ މެދު މުޖުތަމައު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމެއް ކަމަށެވެ. އަދި މުސްލިމް މުޖުތަމައެއްގައި އުޅޭއިރު، މުޅި އުމުރު އެ ކުއްޖާ ހިފައިގެން އުޅެން ޖެހޭނީ ގުރުއާން މާއްދާއިން ފެއިލްވި ކަމުގެ ސެޓްފިކެޓު ކަމަށާއި، އޭގެ ސަބަބުން ދަރިވަރާމެދު މީހުން ދެކޭގޮތް ނުހަނު ގޯސްވެދާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންކަމުން، އެޑިއުކޭޝަން މިނިސްޓްރީން މި މާއްދާ އެސެސް ކުރާ އުސޫލު އަލުން މުރާޖައާކޮށް ބަދަލުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި ފަހުން ވަނީ އެސްއެސްސީ އިމްތިހާނުގައި ފުރަތަމަ ފަހަރަށް ގުރުއާން މާއްދާ ހިމަނައި، އެ މާއްދާއިން ދަރިވަރުން އިމްތިހާނު ކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. މިގޮތުން، އަންނަ ނޮވެމްބަރު މަހު ބާއްވާ އެސްއެސްސީ އިމްތިހާނުގައި އަޖުމަ ބެލުމުގެ ގޮތުން 10 ސްކޫލެއްގައި ގުރުއާން އިމްތިހާނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އޭގެ ފަހުން ރާއްޖޭގެ ހުރިހާ ސްކޫލަކަށް މި އިމްތިހާނު ފުޅާކުރާއިރު، އެސްއެސްސީ އަދި އޯލެވެލް އިމްތިހާނުގެ ގަދަ 10 އެއްގެ (ޓޮޕް ޓެން) ފުރުސަތު ދަރިވަރުންނަށް ލިބޭނީ ވެސް ގުރުއާން މާއްދާއިން ފާސްވާ ދަރިވަރުން ހިމެނޭ ގޮތަށް ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް