ބާރަށުގައި ގާއިމްކުރި ހެލްތު ކެއާ ވޭސްޓް މެނޭޖްމެންޓު ފެސިލިޓީ
ބާރަށުގައި ގާއިމްކުރި ހެލްތު ކެއާ ވޭސްޓް މެނޭޖްމެންޓު ފެސިލިޓީ
ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން އުފެދޭ ނުރައްކާތެރި ކުނި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ހއ. ބާރަށުގައި ތަރައްޤީކޮށްފައިވާ "ހެލްތް ކެއަރ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ"ގެ ޚިދުމަތް މިމަހު ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޫސިމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްރޫޢަކީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށާއި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެ ވުޒާރާއިން ހިންގާ "އެލިމިނޭޓިންގް ޕޮޕްސް" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. މިއީ ތިމާވެށްޓާ ބެހޭ ވުޒާރާއާއި ޞިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ވެވުނު ފަހުމުނާމާގެ ދަށުން ކާމިޔާބުކަމާއެކު ބިނާކުރެވުނު މަރުކަޒެކެވެ.

ބާރަށުގައި ޤާއިމުކޮށްފައިވާ މި ޒަމާނީ ފެސިލިޓީއަކީ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުން އުފެދޭ ވިހަ އަދި ނުރައްކާތެރި ކެމިކަލް އެކުލެވޭ ކުނި އެންދުމުގެ ބަދަލުގައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރިކަމާއެކު ނައްތާލުމަށް ފަރުމާކޮށްފައިވާ ތަނެކެވެ. އެގޮތުން، ޖަރާސީމާއި ވިހަ މާއްދާތައް ވެށްޓަށް ބޭރުވިޔަނުދީ ސްޓެރިލައިޒް ކުރުމަށްޓަކައި ޚާއްޞަ ޒަމާނީ "އޮޓޯކްލޭވް" މެޝިނާއި، އެކަމަށް ބޭނުންވާ އެންމެހައި ޒަމާނީ ވަސީލަތްތައް މިހާރު ވަނީ މި މަރުކަޒުގައި ފުރިހަމަކޮށް ނިންމާލެވިފައެވެ.

މި ފެސިލިޓީގެ އޮޕަރޭޝަންތައް މި މަހުގެ ތެރޭގައި ފެށުމާއެކު، ބާރަށުގެ އިތުރުން އެ އަތޮޅާއި ކައިރި ސަރަޙައްދުތަކުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން އުފެދޭ ކުނި ބައިނަލްއަޤްވާމީ ރައްކާތެރި މިންގަނޑުތަކާ އެއްގޮތަށް ނައްތާލެވިގެންދާނެއެވެ. މިއީ ރަށްރަށުގެ ވެށި ތަޣައްޔަރުވުމުން ސަލާމަތްކޮށް، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު