ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ އަގުހުރި ދައުރު ހަނދާންކޮށްދޭ މުނާސަބަތެއް ކަމަށެވެ. އަދި ބޭރުން ކާބޯތަކެތި އިމްޕޯޓްކުރުމަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލާ ސީދާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ އެކި ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރަންޖެހޭކަން މިއަދު ހަނދާންކޮށްދޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ ރާއްޖެއިން ބޭރުވާ ފައިސާ ޤައުމުގައި ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެގެންދާނޭ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު ޢަމާޒަކީ ދަނޑުވެރިކަމުގެ ތެރެއިން އެކަށައެޅޭ ވަކި ބާވަތްތައް، އިމްޕޯޓް ކުރުމަކާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައިގެން ބާޒާރަށް ނެރެވޭނޭ ފަހި މަގެއް ހޯދައިދިނުން ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުވާނޭ ގޮތްތައް ހަމަޖައްސައިދީ، އެ ދާއިރާއިން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ އެމަނިކުފާނުގެ ޢަޒުމެއް ކަމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު ދަނޑުވެރިންގެ ދުވަހުގެ މި އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށާއި، ދަނޑުވެރި ޢާއިލާތަކަށް، އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް އިޚުލާޞްތެރިކަމާއެކު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް