ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ. ޕާކިސްތާނުގެ ސަމާ ޓީވީން ރިޕޯޓް ކޮށްފައިވަނީ، މިއީ ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށެވެ.

ސަމާ ޓީވީގެ ވެބްސައިޓްގައި ވާގޮތުން ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި، އެޤައުމުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާ ވަކިވަކިން ބައްދަލު ކުރަށްވައި ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ތާވަލު ކޮށްފައެވެ.

ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ކުރަށްވާ މި ދަތުރުފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސަރަޙައްދީ މަސްލަޙަތު ހުރި މުހިންމު ކަންކަމާ ގުޅޭގޮތުންނާއި، ދެކުނު އޭޝިއާގެ ސަރަޙައްދީ އެއްބާރުލުމުގެ ޖަމްޢިއްޔާ (ސާކް) ގެ ޙަރަކާތްތައް އަލުން އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދެވިދާނެ ގޮތްތަކާ މެދު ވެސް ދެ ޤައުމުގެ ވެރިން މަޝްވަރާ ކުރައްވާނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.

ރާއްޖޭގެ ރައީސަކު އެންމެ ފަހުން ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގައެވެ. ދިގު މުއްދަތަކަށް ފަހު ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ޒަމާންވީ އަޚުވަންތަ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޕާކިސްތާނުގެ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް