ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރަމުންދާ އިސްލާމީ މަރުކަޒުގެ މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ، މި މަޝްރޫޢުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، މިވަގުތު ކުރިއަށްދަނީ އިމާރާތުގެ ކުރިމަތީ އާރކްގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. އަދި މި މަސައްކަތް ވީހާވެސް އަވަހަށް ނިންމައި ރައްޔިތުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި މި މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އަޅާފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ދައުލަތުގެ ބަޖެޓުން 55.52 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ އައްޑޫ ސިޓީގައި އިސްލާމީ ދަޢުވަތު ފުޅާކުރުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މުހިންމު ވަސީލަތްތަކަކާ އެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ޒަމާނީ ފެންވަރަށް ދެ ފަންގިފިލާއަށް އިމާރާތްކުރާ މި އިސްލާމީ މަރުކަޒުގައި އެއްފަހަރާ 1،500 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު ނަމާދުކުރާ ބައެއް ހިމެނެއެވެ. މީގެއިތުރުން، އެކިކަހަލަ ޖަލްސާތަކާއި އެއްވުންތައް ބޭއްވުމަށް 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، ދީނީ ތަޢުލީމު ފޯރުކޮށްދިނުމަށް ޚާއްޞަ ހަތަރު ކްލާސްރޫމާއި ދެ ސެމިނަރ ރޫމް މި އިމާރާތުގައި ހިމެނެއެވެ. އަދި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީހަކާއި، އިސްލާމީ ފޮތްތަކާއި ދިރާސާތަކަށް ޚާއްޞަ ލައިބްރަރީއެއްގެ އިތުރުން ޕޭންޓްރީއެއްވެސް މި މަރުކަޒުގައި ޤާއިމުކުރެވިގެންދާނެއެވެ.

މި މަޝްރޫޢު ނިމި އިސްލާމީ މަރުކަޒު ހުޅުވިގެން ދިއުމަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ދީނީ އަދި އިޖުތިމާޢީ އެތައް ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް