ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު | ފޮޓޯ: ރަސްއޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު | ފޮޓޯ: ރަސްއޮންލައިން
އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެޤައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ ގޮތުން، ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.

މި ވާހަކަފުޅުތަކަށްފަހު، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމާއި ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ.

މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ޚާއްޞަކޮށް މިދަތުރުފުޅު ކުރައްވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބައްޓަން ކުރެވިފައިވަނީ "މޯލްޑިވްސް ފަސްޓް" މި ޝިޢާރުގެ ދަށުންނެވެ. މި ސިޔާސަތުގެ ދަށުން އަވައްޓެރި އަދި އެކުވެރި ޤައުމުތަކާއެކު އޮންނަ ގުޅުމަށް އިސްކަންދެއްވައި، ރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންގެ ކުރިއެރުމަށް ފަހިވާނޭ ފަދައިން ބޭރުގެ ގުޅުންތައް ބަދަހިކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ ބައިނަލްއަޤްވާމީ މަސްރަޙުގައި ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.

ރައީސް އޮފީހުން ހާމަކުރިގޮތުގައި، މި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު