ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
މުޅި ރާއްޖޭގައި މިހާރުވެސް 119 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ރޭ ރާފިޢު ވިދާޅުވީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިހާތަނަށް 8 ރަށެއްގެ އެފްއާރުސީ ސެންޓަރުގެ އިމާރާތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ ތަންތަނަށް ބޭނުންވާ ސާމާނު ހޯދުމަށް މިހާރު ވަނީ އިއުލާނު ވެސް ކުރެވިފައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އެފްއާރުސީ ސެންޓަރުތައް ގާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިހާތަނަށް މަސައްކަތް ނުފެށި ހުރި ރަށްތަކުގައި ވެސް މިއަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށުމަށް ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ރާފިޢު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އުއްމީދަކީ 2027 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށްދާއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުވެ، އެ ތަންތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބެމުންދިއުން ކަމަށެވެ. އަދި މި ސެންޓަރުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ތަންތަނަށް ހެދުމަށްޓަކައި، ބަޖެޓް ކުރެވި، މަރާމާތު ކުރެވޭނެ ނިޒާމެއްގެ ތެރެއިން މި މަސައްކަތް ބައްޓަން ކުރެވެމުންދާ ކަމަށާއި، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ކުޅިވަރު ސިޔާސަތު ބައްޓަންކޮށްފައިވަނީ ކުޑަ ރަށެއް ނުވަތަ ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

މިގޮތުން، ރަށްރަށުގައި ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް އެޅުމުގެ އިތުރުން، މީގެ ކުރިން އަޅާނުލެވި ދޫކޮށްލެވިފައި ހުރި އެކި ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްދިނުމުގެ މަސައްކަތް ވެސް މިނިސްޓްރީން މިހާރު ދަނީ ބާރަށް ކުރިއަށް ގެންދަމުންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު