ކޮރަޕްޝަންގެ ދައުވާ ސާބިތުވެފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ
ކޮރަޕްޝަންގެ ދައުވާ ސާބިތުވެފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ
ކޮރަޕްޝަންގެ ދައުވާ ސާބިތުވެފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާއަށް އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލްކުރި އަޑުއެހުން، އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމުގެ ސަބަބުން ފަސްކޮށްފިއެވެ.

މި މައްސަލައިގައި ދީނާގެ މައްޗަށް ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުގައި އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 10:00 އަށެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކުރަން ޖެހުނީ، ދީނާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނާތީ އޭނާ މިއަދު ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކޯޓަށް އެންގުމާ ގުޅިގެންނެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރު ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކު ފެނަކައިން ވި އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަކުރިކަން ކަށަވަރު ނުކޮށް ފައިސާ ދޫކުރި މައްސަލައިގައި އުފުލި ދައުވާއެކެވެ. ދީނާގެ އެ އަމަލުގެ ސަބަބުން ފެނަކައަށް 848،000 ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މި މައްސަލައާ ގުޅޭ ގޮތުން އާންމުކުރި މައުލޫމާތުގައި ވެއެވެ.

މި މައްސަލައިގައި ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.

އެ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޟީ ނިންމެވީ، ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ދީނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި ދީނާގެ މައްޗަށް ކުށް ސާބިތުވިކަމަށް ކަނޑައެޅުމާ އެކު، ދައުލަތުގެ އެދުމުގެ މަތިން ގާޒީ ވަނީ އަދަބު ކަނޑައަޅައި ހުކުމް އިއްވުމާ ހަމައަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ.

ދީނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ފެނަކައިގެ މި ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް ވެސް ކުށް ސާބިތުވެ، މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ފެނަކައިގެ ބްރާންޗުތަކުގައި ސީސީޓީވީ ކެމެރާ އަދި ވީޑިއޯ ކޮންފަރެންސް ސިސްޓަމްތައް ގާއިމުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މައްސަލައިގައި ވެސް ދައުލަތުން ވަނީ ދީނާގެ މައްޗަށް ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ. އަދި 2018 ގެ ތެރޭގައި ފެނަކައިން ކުއްޔަށް ހިފި ދޯންޏެއް އޭނާގެ ގާތް މީހަކަށް ކުއްޔަށް ދިން މައްސަލަވެސް އޭސީސީން ޕީޖީއަށް ހުށައަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު