ވިއްސާރައިގައިވެސް ފުލުހުން ޓްރެފިކް ބަލަހައްޓަނީ، ފޮޓޯ: ފުލުހުން
ވިއްސާރައިގައިވެސް ފުލުހުން ޓްރެފިކް ބަލަހައްޓަނީ، ފޮޓޯ: ފުލުހުން
ރޭ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ނަމަވެސް، މަގުމަތީގެ އަމާންކަން ކަށަވަރުކުރުމަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަން އެއްވެސް ފަސްޖެހުމެއްނެތި ކުރިއަށް ގެންގޮސްފިއެވެ.

މޫސުން ގޯސްވެ، މަގުތަކުގައި ފެންބޮޑުވެފައި އޮތް ވަގުތުތަކުގައި ވެސް ޓްރެފިކް ފުލުހުން ވަނީ ވާރޭގެ ތެރޭގައި ތިބެ ޓްރެފިކް ބެލެހެއްޓުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ވާޖިބުތައް ފުރިހަމައަށް އަދާކޮށްފައެވެ. އަދި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވުމަށް ޓަކައި ޗެކްޕޮއިންޓްތައް ގާއިމުކޮށް، މަގުތައް ފާރަވެރިކަމާއެކު ވަނީ ބަލަހައްޓާފައެވެ.

މަގުމަތީގެ އަމާންކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން މިހާރު ވަނީ ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މިގޮތުން، މަގުމަތި މޮނިޓާކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް، ސީސީޓީވީ އަދި ސްޕީޑް ކެމެރާތަކުގެ އެހީގައި ފާރަވެރިވުމާއި، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކުގެ ޕްރޮފައިލް އެކުލަވާލުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. މީގެއިތުރުން، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދު ދުއްވާ މީހުންގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭނަމަ، އެފަދަ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމަށްޓަކައި އެ މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރަން ވެސް މިހާރު ވަނީ ފަށާފައެވެ.

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ގެނެވުނު މުހިންމު އިސްލާހުތަކާއެކު، ޒިގްޒެގްކޮށް ދުއްވުމާއި، ސައިލެންސަރުގެ އަޑުގަދަކުރުމާއި، ހުއްދަކޮށްފައިވާ މިންވަރަށްވުރެ ބާރަށް ދުއްވުމުގެ އިތުރުން ގަވާއިދާ ހިލާފަށް ރޭސްޖެހުމާއި، މަސްތުގެ ހާލަތުގައި އުޅަނދު ދުއްވާ ފަރާތްތަކާމެދު އެއްވެސް އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގަން ފުލުހުން ވަނީ ނިންމާފައެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓުމާއި، އުޅަނދު ޓޯކުރުމާއި، ޖޫރިމަނާކުރުމުގެ އިތުރުން، އުޅަނދު ދުއްވި ފަރާތަށާއި އޭގެ ވެރިފަރާތަށް ވެސް ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މޫސުން ގޯސްވެ ވިއްސާރަވި ނަމަވެސް ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަށާފައިވާ މި އޮޕަރޭޝަނަށް އެއްވެސް މަޑުޖެހުމެއް ނާންނާނެއެވެ. އަދި މަގުތަކަކީ އެންމެންނަށް ވެސް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުރިހާ ދުއްވާ މީހުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް