ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ
ނިމިދިޔަ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން 188 ފަރާތަކަށް ކައުންސިލިން ސެޝަން ފޯރުކޮށްދީފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ، އިޖުތިމާޢީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސެޕްޓެމްބަރ މަހު 29 ފަރާތަކަށް ޕޭރެންޓިންގ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެއިތުރުން ދެ ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ވެސް ފޯރުކޮށްދީފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ޤާއިމުކޮށްފައިވާ ހެލްޕްލައިންތަކުގެ މަޢުލޫމާތު ހާމަކުރަމުން އެ ވުޒާރާއިން ވިދާޅުވީ، ސެޕްޓެމްބަރ މަހު އެ ވުޒާރާގެ ހެލްޕްލައިންތަކަށް ޖުމްލަ 2173 ކޯލު ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޚާއްޞަ ޗައިލްޑް ހެލްޕްލައިން (1412) އަށް ލިބުނު 1662 ކޯލާއި، ސޯޝަލް ސަރވިސް ހެލްޕްލައިން (1421) އަށް ލިބުނު 511 ކޯލެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ހާލަތަށް ބަލާއިރު، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 154 ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ 91 ފިރިހެން ކުދިންނާއި 63 އަންހެން ކުދިންނެވެ.

މީގެއިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އަނބުރާ ޢާއިލީ ވެއްޓަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ނިމިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ދެ ކުއްޖަކު ކާމިޔާބުކަމާއެކު އަނބުރާ ޢާއިލާއާ ރީއިންޓިގްރޭޓް ކުރެވިފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް