މެލަނޯމާ އިންސްޓިޓިއުޓް އޮސްޓްރޭލިއާގެ މެޑިކަލް ޑައިރެކްޓަރު އަދި ސިޑްނީ ޔުނިވަސިޓީގެ ޕްރޮފެސަރު ޖޯޖީނާ ލޯންގް
މެލަނޯމާ އިންސްޓިޓިއުޓް އޮސްޓްރޭލިއާގެ މެޑިކަލް ޑައިރެކްޓަރު އަދި ސިޑްނީ ޔުނިވަސިޓީގެ ޕްރޮފެސަރު ޖޯޖީނާ ލޯންގް
އޮސްޓްރޭލިއާގެ ސައިންސްވެރިން އިސްނަގައިގެން ކުރިއަށްގެންދިޔަ، ދުނިޔޭގެ ފުރަތަމަ ކެންސަރު ވެކްސިންގެ ކްލިނިކަލް ޓްރަޔަލްއިން އުއްމީދީ އަދި ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި، ސާޖަރީއަށްފަހު މި ވެކްސިން ދިނުމުން، ހަންގަނޑުގެ ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ މެލަނޯމާ އަލުން އިއާދަވުމުގެ ނުވަތަ ބަލީގައި ފުރާނަ ގެއްލުމުގެ ފުރުސަތު ބޮޑުތަނުން ކުޑަކޮށްދެއެވެ.

މެލަނޯމާ އިންސްޓިޓިއުޓް އޮސްޓްރޭލިއާގެ މެޑިކަލް ޑައިރެކްޓަރު އަދި ސިޑްނީ ޔުނިވަސިޓީގެ ޕްރޮފެސަރު ޖޯޖީނާ ލޯންގްގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދެވި މި ދިރާސާއިން ހާމަވި ގޮތުގައި، މަޝްހޫރު އިމިއުނޯތެރަޕީ ބޭހެއް ކަމަށްވާ 'ކީޓްރޫޑާ' އެކަނި ބޭނުންކުރި ބަލިމީހުންނާ އަޅާބަލާއިރު، މި އައު ވެކްސިން އެކުލެވޭ ފަރުވާ ދިން ބަލިމީހުންގެ ކެންސަރު އަލުން ފެށުމުގެ ނުވަތަ މަރުވުމުގެ ނުރައްކާ 42 އިންސައްތަ ދަށްވެއެވެ.

ޕްރޮފެސަރު ލޯންގް ފާހަގަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި މެލަނޯމާއަށް ލިބުނު ފަރުވާއެއް ނޫނެވެ؛ މިއީ މުޅި ކެންސަރު ފަރުވާގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ތާރީޚީ ކުރިއެރުމެކެވެ.

'އިންޓިސްމެރަން' ގެ ނަން ދީފައިވާ މި ވެކްސިނަކީ ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނިތައް ކަމުގައިވާ މޮޑާނާ އާއި އެމް.އެސް.ޑީ ގުޅިގެން ތަރައްގީކުރަމުން އަންނަ އުފެއްދުމެކެވެ. މިއީ އެމް.އާރް.އެން.އޭ ޓެކްނޮލޮޖީގެ އެހީގައި، ކޮންމެ ބަލިމީހެއްގެ ކެންސަރު ޓިއުމަރުގެ ޖެނެޓިކް ސިފަތަކަށް ޚާއްސަކޮށްގެން، ވަކިވަކިން ތައްޔާރުކުރެވޭ ޒަމާނީ ވެކްސިނެކެވެ.

މި ތަހުލީލުތައް ދުނިޔޭގެ އެކި ގައުމުތަކުގެ 157 މަރުކަޒެއްގައި ކުރިއަށްގެންގޮސްފައިވާއިރު، ސާޖަރީ ހެދުމަށްފަހުވެސް ކެންސަރު އަލުން އަނބުރާ އައުމުގެ ބޮޑު ހިރާހެއް އޮތް 1,137 ބަލިމީހަކު މި ޓްރަޔަލްގައި ބައިވެރިވިއެވެ. މީގެ ތެރޭގައި އޮސްޓްރޭލިއާގެ ސިޑްނީ، ކުއީންސްލޭންޑް އަދި ވިކްޓޯރިއާގެ ފާހަގަކޮށްލެވޭ ގިނަ ކެންސަރު ސެންޓަރުތަކާއި ހޮސްޕިޓަލްތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް