ކުޅުދުއްފުށީގެ ގެއެއްގެ ބޭރުގައު ވެލި ބަސްތާ ޖަހަނީ-- ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް
ކުޅުދުއްފުށީގެ ގެއެއްގެ ބޭރުގައު ވެލި ބަސްތާ ޖަހަނީ-- ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް
ރެއިން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހި، ރަށުތެރޭގައި ފެންބޮޑުވުމާ ގުޅިގެން ކުޅުދުއްފުށި ސިޓީގެ 18 ގެއެއްގައި ދިރިއުޅޭ 140 އަށްވުރެ ގިނަ ރައްޔިތުންނަށް، އެ ސިޓީގެ ދެ ސްކޫލަކުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހެނދުނު ހާމަކުރި ގޮތުގައި، ކުޅުދުއްފުށީގެ 190 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އަދި އޭގެ ތެރެއިން ދިރިނޫޅެވޭ ވަރަށް ގެއްލުންވި 18 ގެއެއްގެ 140 އަށްވުރެ ގިނަ މީހުން ދެ ސްކޫލަކަށް ބަދަލުކުރުމުގެ އިންތިޒާމުތައް މިހާރު ދަނީ ހަމަޖައްސަމުންނެވެ.

ރަށުތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށްޓަކައި މިހާރުވެސް ހަތް ޕަންޕު ބޭނުންކޮށްގެން މެދުކެނޑުމެއްނެތި އަންނަނީ މަސައްކަތްކުރަމުންނެވެ.

މީގެއިތުރުން، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ކުޅުދުއްފުށި ސިޓީ ކައުންސިލުން މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.

އެ ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، ވަގުތީ ހިޔާތަކަށް ބަދަލުކުރެވޭ ފަރާތްތަކަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވަނީ ގޮދަޑި، ބެޑްޝީޓް އަދި ބާލީސް ކަމަށެވެ. އެހެންކަމުން، މި ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ވަގުތީ ހޮޓްލައިން ނަންބަރު 6527211 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ކައުންސިލުން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް