ހަމަހިމޭންކަމަކީ ހިތްހަމަޖެހުމެއް ނޫނެވެ
ހަމަހިމޭންކަމަކީ ހިތްހަމަޖެހުމެއް ނޫނެވެ
ހުޅުމާލޭގެ އެންމެ އަގުބޮޑު ފްލެޓް އުސް އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ހުރި އެ އެޕާޓްމަންޓަކީ، ދުނިޔެވީ ހުރިހާ އަރާމަކާއި ތަނަވަސްކަމެއް ޖަމާވެފައިވާ ގަނޑުވަރެއް ފަދަ ތަނެކެވެ. ފަނޑު އަލިކަމާއި، އަގުބޮޑު ފަރުނީޗަރުތަކާއި، ފަންސާސް އިންޗީގެ ބޮޑު ޓީވީން ދައްކަމުންދިޔަ މަންޒަރުތަކުން މުޅި ގޭތެރެ ފަޅުފިލުވައިދޭން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް، ހަތަރު ކޮޓަރީގެ އެ ބޮޑު ގޭގެ ހަތަރުފާރު އެތެރޭގައި އެނބުރެމުން ދިޔައީ ގަނޑުފެން ފަދަ ފިނި، މަރުވެފައިވާ ހިމޭންކަމެކެވެ. އެއީ ހިތްހަމަޖެހުމެއްގެ ހަމަހިމޭންކަމެއް ނޫނެވެ؛ އެއީ ހިތެއްގެ ރުއިމާއި ގިސްލުމުގެ ވޭނީ އާދޭސްތަކަށް އިޖާބަދޭނެ ކަންފަތެއް ނެތުމުން، މާޔޫސްކަމުގެ ފުން ކަނޑަކަށް ގެނބިފައިވާ ބިރުވެރި ހަމަހިމޭންކަމެކެވެ.

މަޝްހޫރު ޒުވާން ވިޔަފާރިވެރިޔާ މުޙައްމަދު މާޖިދު އާއި އައްޑޫގެ ހިތްގައިމު ފަސްގަނޑަށް އުފަން ފާތިމަތު ރަހުމާގެ ކައިވެންޏަށް މިއަދު ސާދަ އަހަރު ފުރުނީއެވެ. އެ މީހުންގެ މާޒީގެ ސަފުހާތައް ފުރިފައިވަނީ ފޮނި އުއްމީދުތަކާއި، ލޯތްބާއި، ބުރަ މަސައްކަތުގެ ކުލަގަދަ ހަނދާންތަކުންނެވެ. ރަހުމާއާއި މާޖިދު ފުރަތަމަ ދިމާވީ މީގެ ސާދަ އަހަރު ކުރިންނެވެ. އޭރު މާޖިދު އަލަށް ފެށި ގްރޯސަރީ ފިހާރައިގެ ސުޕަވައިޒަރެއްގެ ގޮތުގައި ރަހުމާ ވަޒީފާއަށް ނުކުތްތާ މަހެއްހާ ދުވަހުގެ ތެރޭގައި، ރަހުމާގެ ރީތިކަމާއި، މަސައްކަތުގެ ހުނަރުވެރިކަން ފެނި، މާޖިދުގެ ހިތް އޭނާއަށް ލެނބުނެވެ. އޭރު އުމުރުން އެންމެ ބާވީސް އަހަރުގެ ރަހުމާއަކީ ފަޚްރުވެރިވަފަދަ ކަމިޔާބީއާއެކު އޭ-ލެވެލް ނިންމުމަށްފަހު ހަދަމުންއައި ޑިގްރީކޯހުގެ އެންމެ ފަހު ސެމިސްޓާރުގައި ކިޔަވަމުން ދިޔަ ހީވާގި ޒުވާނެކެވެ. އެކުގައި ހޭދަވި ހަ މަސްދުވަހުގެ ގާތް ގުޅުމަށްފަހު، އުމުރުން ސައްބީސް އަހަރުގެ މާޖިދު ރަހުމާއަށް ކައިވެނީގެ ހުށަހެޅުން ހުށަހެޅިއެވެ.

ކައިވެންޏަށްފަހު ރަހުމާގެ ޑިގްރީ ނިމުނުތަނާހެން އަލަތު ދަރިފުޅު ރައްޔާނަށް ބަލިވެއިނުމުން އޭނާ ވަގުތީގޮތުން ގޭގައި މަޑުކުރިއެވެ. ނަމަވެސް، ވިހެއުމަށްފަހު ހަށިގަނޑަށް ލިބުނު އަރާމާއެކު، މާޖިދުގެ ވިޔަފާރި ކޮޅަށް ޖެހުމުގައި ބައިވެރިވުމަށް ރަހުމާ އަނެއްކާވެސް ނުކުތެވެ. ކުންފުނީގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ރަހުމާ ރެޔާއި ދުވާލު ދެއްކި ހިތްވަރާއި، ކުރި ބުރަ މަސައްކަތަކީ މާޖިދުގެ ވިޔަފާރީގެ ކާމިޔާބީގެ އެންމެ ވަރުގަދަ ބިންގަލެވެ. ރަހުމާ ވަޒީފާއިން ވަކިވެ، ގޭގައި މަޑުކުރަން ނިންމީ މީގެ ހަ އަހަރު ކުރިން އެ ދެމަފިރިންނަށް ދެވަނަ ދަރިފުޅު ރާޔާ ލިބުމުން، ދަރިންގެ ތަރުބިއްޔަތަށް މުޅި ދިރިއުޅުން ހުސްކޮށްލުމުގެ ފޮނި މަގުސަދުގައެވެ. ދެވަނަ ދަރިފުޅު ވިހެއުމުން ގޭތެރޭގެ މަސައްކަތްތައް ބަލަހައްޓައިދޭނެ ބިދޭސީ އަންހެނަކު (މެއިޑެއް) ގެންނަން މާޖިދު ތަކުރާރުކޮށް ހުށަހެޅިއެވެ. ނަމަވެސް، ފުރަތަމަ ދަރިފުޅަށް ބަލިވެއިން ދުވަސްވަރުވެސް ގޭތެރޭގެ ކަންކަމުގައި އެހެން މީހެއްގެ އެހީތެރިކަން ހޯދަން ބޭނުންނުވި ފަދައިން، މިފަހަރުވެސް ރަހުމާ އިޚްތިޔާރު ކުރީ އަމިއްލަ އަތުން ދަރިންގެ އެންމެހައި ކަންކަން ބަލަހައްޓައި، އާއިލީ ޒިންމާތައް ފުރިހަމައަށް އަދާކުރުމެވެ.

އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގައި މާޖިދުގެ ވިޔަފާރި އިންތިހާއަށް ފުޅާވެ، ރިސޯޓް ސަޕްލައި ކުރުމުގެ ބޮޑު ވިޔަފާރިއަކަށް ބަދަލުވެގެން ދިޔައެވެ. މާޖިދުގެ ނަން ވިޔަފާރީގެ އުދަރެހުގައި ފިޔަޖަހައި ވިދާލިއެވެ. ނަމަވެސް، އެ ފައިސާއާއި ނުފޫޒުގެ ވިދުމުގެ ތެރޭގައި، އާއިލާއަށް ދޭންޖެހޭ ލޯތްބާއި، އަޅާލުމާއި، ކުލުނުވެރިކަން އަނދައި އަޅިއަށް ވަމުން ދިޔަކަމެއް މާޖިދަކަށް ކުޑަކޮށްވެސް ނުވިސްނުނެވެ. މާޖިދުގެ މުޅި ދިރިއުޅުން ހުސްވެފައި އޮތީ އޮފީހުގެ ބުރަ މަސައްކަތްތަކަށާއި، ނިމުމެއް ނެތް ބައްދަލުވުންތަކަށެވެ. އަދި އޮފީސް ނިންމައިލުމަށްފަހު، ރައްޓެހިންނާއެކު ކެފޭތަކުގައި ބާއްވާ ބޭކާރު ކޮފީތަކަށެވެ. ގެއަށް އާދެވެނީ ރޭގަނޑު ދަންވަރު ބާރަ ޖަހާ ފަހުންނެވެ. ގޭގައި ހޭދަކުރާ މަދު ވަގުތުކޮޅުގައިވެސް އޭނާގެ ދެލޯ ހުއްޓިފައި ހުންނަނީ އަތުގައި އޮންނަ ފޯނުގެ ސްކްރީނަށެވެ. ވިޔަފާރި ކޮޅަށް ޖެހުމުގައި އޭނާއާއެކު ދާތިއްކާއި ކަރުނަ އޮއްސި އަނބިމީހާއަށް ނުވަތަ ލޯބިވާ ދެ ދަރިންގެ ހާލު ބަލައިލާނެ އެންމެ ފުރުސަތެއްވެސް މާޖިދުގެ ތާވަލަކުން ނުފެނެއެވެ.

ކައިވެނީގެ ކުރީކޮޅު ރަހުމާ އަބަދުވެސް ޝަކުވާ ކުރިއެވެ. ގޭތެރޭގެ އެކަނިވެރިކަމާއި، ދަރިންގެ ކަންކަމުގައި ބައްޕައެއްގެ އެހީތެރިކަން ބޭނުންވާ ވާހަކަ ބުނެ ކަރުނައަޅައި އާދޭސްކުރިއެވެ. ނަމަވެސް، ކާމޭޒު ދޮށުގައި ތިބޭއިރުވެސް މާޖިދު އިންނާނީ ކަންފަތުގައި އެއަރޕޮޑް ޖަހައިގެން ފޯނަށް ގެއްލިފައެވެ. ކުދިން "ބައްޕާ" އޭ ކިޔައި ގޮވައިލުމުންވެސް، ބޯޖަހައިލުން ފިޔަވައި އެއްވެސް އިޖާބައެއް ނުދެއެވެ.

މި މަންޒަރުތައް އެންމެ ބޮޑަށް އިހުސާސްކުރަމުން ދިޔައީ ދޮށީ ދަރިފުޅު ރައްޔާންއެވެ. އުމުރުން އެންމެ ތޭރަ އަހަރުގެ އެ ޅަ ސިކުނޑިއަށް، މަންމައާއި ބައްޕަގެ ދެމެދުގައި އޮތް ގުޅުން ކެނޑި، އެ ކައިވެނީގެ ބިންގާ ފުނޑުފުނޑުވަމުންދާކަން ވަރަށް ރަނގަޅަށް އިހުސާސް ކުރެވެއެވެ. ބައެއް ރޭރޭ ދަންވަރު ފެންބޯން ތެދުވާއިރު، އަނދިރީގައި ލޯންޑްރީގެ ތަޅުންމަތީ އިށީނދެގެން އިނދެ މަންމަ ގިސްލާފައި ރޯ މަންޒަރު ރައްޔާނަށް ފެނެއެވެ. އަދި ދަންވަރު ބާރަ، އެކެއް ޖަހާއިރުވެސް ކާން ހަދައިގެން، ސިޓިންގރޫމުގެ ސޯފާގައި ބައްޕަ އަންނާނެ އިރެއްގެ އިންތިޒާރުގައި، އުއްމީދު ގެއްލިފައިވާ ލޮލަކުން ދޮރާ ދިމާއަށް ބަލަހައްޓައިގެން މަންމަ އިންނަތަން ރައްޔާން ދުށްޓެވެ.

"މަންމާ... ކީއްވެ އަބަދު ތި ރޮނީ؟" އެއްދުވަހަކު ރައްޔާން މަޑުމަޑުން ގޮސް މަންމަގެ ގައިގައި ބައްދައިގަންނަމުން އަހައިލިއެވެ.

ރަހުމާ އަވަސްއަވަހަށް ލޮލުން ކަރުނަ ފޮހެލިއެވެ. އަދި ގަދަކަމުން ހިނިތުންވެލަމުން ބުންޏެވެ. "ދަރިފުޅާ، މަންމަ ނުރޮއެމޭ. މިއީ ލޮލަށް އެއްޗެއް ވެއްޓިގެން... ދަރިފުޅު ދޭ ފިލާވަޅު ހަދަން."

ރަހުމާ ކިތަންމެ ވަރަކަށް އެ ހިތާމަތައް ސިއްރުކުރަން އުޅުނަސް، އެކަން ކާމިޔާބެއް ނުވިއެވެ. މަންމަގެ އެ ކަރުނަތަކުގެ ބުރަދަން ރައްޔާންގެ ޅަ ސިކުނޑިއަށް އުފުލޭ ވަރަށްވުރެ ބޮޑުވިއެވެ. ނަތީޖާއެއްގެ ގޮތުން ސްކޫލުގައި އޭނާގެ ސަމާލުކަން މުޅިން ގެއްލި، ކިޔެވުމުގެ ނަތީޖާތައް ބޮޑުތަނުން ދަށަށް ދާން ފެށިއެވެ. ކުލާހުގައި އަބަދު މޮޅިސާފުވެ، ފުން ޚިޔާލަކަށް ގެއްލިފައި އިންނަން ފެށުމުން ޓީޗަރުންވެސް ޝަކުވާކުރަން ފެށިއެވެ. އަނެއްކޮޅުން، ކުޑަކުޑަ ރާޔާވެސް ގޭތެރޭގެ މި މާޔޫސީ ހާލަތު ފެނިފައި، ބިރުން ފިލައި ހުންނަ ކަހަލަ މިޒާޖެއް ޚިޔާރުކުރިއެވެ.

އެއްދުވަހަކު ހަވީރުގެ ވަގުތެކެވެ. މާލޭގެ މަޝްހޫރު ކެފޭއެއްގެ ބޭރު މޭޒެއްގައި މާޖިދު އިނީ އޭނާގެ ކުންފުނީގެ އެންމެ އިސް މުވައްޒަފު އަދި އެންމެ ގާތް އެކުވެރިޔާ ޝުއައިބާއެކު ކޮފީއެއްގައެވެ. ދެމީހުން ވާހަކައިގައި ތިއްބާ މާޖިދުގެ ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނަށް އަރާފައި އިނީ "ރަހުމާ" އެވެ. މާޖިދު ފޯނަށް ބަލައިލުމަށްފަހު، އެއަށް އެއްވެސް ސަމާލުކަމެއް ނުދީ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. ފޯނު ކެނޑުނެވެ. ދެވަނަ ފަހަރަށް ގުޅިއެވެ. މިފަހަރު މާޖިދު ފޯނު ސައިލެންޓަށް ލުމަށްފަހު، ސްކްރީން ބަންޑުން ވާގޮތަށް މޭޒުމަތީ ބޭއްވިއެވެ. ތިންވަނަ ފަހަރަށްވެސް ފޯނު ވައިބްރޭޓް ވާން ފެށުމުންވެސް މާޖިދު އެއަކަށް ބަލައިވެސް ނުލިއެވެ.

އިރުކޮޅަކުން މެސެޖެއް އައި އަޑު އިވުނެވެ. މާޖިދު ފޯނު ނަގައި ބަލައިލިއެވެ.

"ކާކުތަ އެހާ ވަރަކަށް އެ ގުޅަނީ؟" ޝުއައިބު އަހައިލިއެވެ.

"ރަހުމާ،" މާޖިދު ފަރުވާކުޑަ ގޮތަކަށް ބުންޏެވެ.

"ދެން އަންހެނުންނަށް ރިޕްލައި ކޮށްބަލަ. ތިން ފަހަރު ގުޅައިފިއްޔާ ކޮންމެވެސް މުހިއްމު ކަމަކު ކަންނޭނގެ،" މާޖިދުގެ ފަރުވާކުޑަކަން ފާހަގަވެފައި ހުރި ޝުއައިބު ނަސޭހަތްތެރިވިއެވެ.

"އޭނ! އެއީ އެހާ މުހިއްމު ކަމެއް ނޫން،" މާޖިދު ފޫހިވެފައި ބުންޏެވެ. "އަހަރެން ގެއިން ނުކުތްއިރު އޭނާ ހުރީ ސަލާމަތުން. ދެން ކަންބޮޑުވާންޖެހޭނެ ކަމެއް ނެތެއްނު. އޮފީހުން ނިމިގެން ގެއަށް ދިޔާމަ ވާހަކަ ދެއްކޭނެއެއްނު."

މިހެން ބުނިތަނާހެން ޝުއައިބުގެ ފޯނަށް މެސެޖެއް އައެވެ. ޝުއައިބު ވަގުތުން ފޯނު ނަގައި ސްކްރީން ހުޅުވައިލިއެވެ. އަދި އެ މެސެޖު ކިޔައިލުމާއެކު، އޭނާގެ މޫނުމައްޗަށް ލޯބިވެތި ހިނިތުންވުމެއް ވެރިވެގެން ދިޔަތަން ކުރިމަތީގައި އިން މާޖިދު ބަލަން އިނެވެ.

"އެއީ އަހަރެންގެ އަންހެނުން. އޭނާގެ އުފަންދުވަސް ކައިރިވާތީ، ބޭނުންވާ އެއްޗެއް ފެނިގެން އޭގެ ފޮޓޯއެއް އަހަންނަށް ފޮނުވީ،" ފޯނަށް ބަލަހައްޓައިގެން އިނދެ، ހިތްހަމަޖެހުމާއެކު ޝުއައިބު ބުންޏެވެ.

މާޖިދު ބޯހޫރައިލަމުން މަލާމާތުގެ ރާގަކަށް ބުންޏެވެ. "ހަމަ ތެދެއް؟ އަހަންނަކަށް ތިކަމެއް ނުވާނެ! މިހާ ބިޒީކޮށް އުޅޭއިރު އަންނަހާ މެސެޖުތަކަށް ބަލައި، ފޯނުތައް ނަގައި، އެއަށް ޖަވާބުދޭން ހަދައިފިއްޔާ މަސައްކަތެއް ނުކުރެވޭނެއެއްނު."

"މާޖިދު، ކޮންމެ ކަމަކީ މަސައްކަތަކަށް ނުހަދާބަލަ،" ޝުއައިބު ފޯނު މޭޒުމަތީ ބާއްވަމުން ސީރިއަސްވެލިއެވެ. "އަނބިމީހާއަށް ދޭ ކުޑަކުޑަ ސަމާލުކަމަކީ، ނުވަތަ ފޮނުވާލާ އެންމެ ރިޕްލައިއަކީ އޭނާ މުޅި ދުވަހު އުފަލުގައި ބަހައްޓަން ފުދޭނެ ކަމެއް. އަހަރެމެން މި ހުރިހާ ބުރައެއް އުފުލަނީވެސް އެމީހުންނަށްޓަކައެއް ނޫންތަ؟ އެމީހުންގެ ހިތް ހަލާކުކޮށްލާފައި ހޯދާ ކާމިޔާބީއަކުން ވާނީ ކޮން ފައިދާއެއް؟ އަނެއްކާ ރަހުމާއަކީ ކުރިން ކަލެއާއެކު މި ވިޔަފާރި ކޮޅަށް ޖަހަން އޮފީހުގައި އެންމެ ބުރަކޮށް އުޅުނު މީހާއެއްނު. އޭނާގެ އެ ގުރުބާނީ ހަނދާން ނައްތާނުލާ!"

ޝުއައިބުގެ އެ ވާހަކަތަކަށް މާޖިދު މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އޭނާ އެކަން ދުށީ އަންހެނުން މާ ބޮޑަށް ބޮލަށް އަރުވައިގެން އުޅޭ މީހެއްގެ ބޭކާރު ވިސްނުމެއްގެ ގޮތުގައެވެ. މާޖިދު ގަބޫލުކުރާ ގޮތުގައި އަނބިމީހާ ގުޅާ ކޮންމެ ފޯނު ކޯލަކަށް ޖަވާބު ދިނުމާއި، މެސެޖުތަކަށް ވަގުތުން ރިޕްލައި ކުރުމަކީ ވަގުތު ބޭކާރު ކުރުމެކެވެ. ގެދޮރުގެ ތަނަވަސްކަމާއި، އަގުބޮޑު ދިރިއުޅުމެއް ހޯދައިދެވިއްޖެނަމަ ފިރިމީހާ އަނބިމީހާއަށް އަދާކުރަން ޖެހޭ ޒިންމާ ފުރިހަމަވީ ކަމަށް އޭނާ ދެކުނެވެ. އަދި އަންހެނުންނަކީ ހަމައެކަނި ފައިސާއިން ފުއްދައިދެވޭނެ ބައެއް ނޫންކަމާއި، އަޅާލުމާއި އިހުސާސްތައް ބޭނުންވާނޭ ބައެއްކަން އޭނާގެ ހިތަކަށް ނުވަދެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. މާޖިދު ސޯފާގައި އިނދެގެން ލެޕްޓޮޕުން ވިޔަފާރީގެ ހިސާބުތަކެއް ބަލަމުން ދިޔައެވެ. ރަހުމާ ބަދިގޭގެ ކަންކަން ނިންމާލުމަށްފަހު، ފުން ނޭވައެއް ލަމުން ސިޓިންގރޫމަށް ނުކުމެ، މާޖިދުގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އެ މޫނުމަތީގައި ވަނީ ބަޔާންކުރަން ދަތި މާޔޫސްކަމެކެވެ.

"މި ކައިވެނީގައި އަހަރެން މިވަނީ ވަރަށް އެކަނިވެރިވެފައި،" ރަހުމާގެ އަޑުގައިވީ މަޑުމައިތިރި، އެކަމަކު ރިހުމުން ފުރިގެންވާ އަސަރެކެވެ.

މާޖިދު ލެޕްޓޮޕުން ނަޒަރު ވަކިކޮށްލަމުން ފޫހި ގޮތަކަށް މޫނު އަނބުރާލިއެވެ. "ތިހާ ޑްރާމާ ބޮޑު ނުކޮށްބަލަ. ކަމެއްވާއިރަށް ތިވަނީ މާ މާޔޫސީ މީހަކަށް."

"އަހަރެން މިއީ ޑްރާމާ ކުޅެނީކީ ނޫން. އަހަރެން ބޭނުންވަނީ ހަމައެކަނި މާޖިދުގެ ލޯތްބާއި އޯގާތެރިކަން، ދަރީންނަށް ބައްޕައަކު ދޭންވާ ލޯތްބައި އަޅާލުން ދީ ދަރިންގެ ކަންކަމުގައި އެހީތެރިކަން ދިނުން" ރަހުމާގެ އަޑު ތުރުތުރުއަޅައިގަތެވެ.

"ރަހްމާއަކީ އަބަދު ޝަކުވާކުރާ، އަމިއްލަ ނަފްސަށް އިތުބާރު ނެތް، އަދި ކަންކަމަށް ޝުކުރުވެރިވާން ނޭނގޭ އަންބެއް،" މާޖިދު ހަރުކަށިކަމާއެކު ބުންޏެވެ. "ހުރިހާ ތަނަވަސްކަމެއް މިހިރީ ދީފައެއްނޫން؟ ކޮން ކަމެއް މަދުވެގެން ތި އުޅެނީ؟"

"އަހަރެން އެދެނީ ހަމައެކަނި ލޯބި ލިބުމަށް،" ރަހުމާގެ ލޮލުން ކަރުނައެއް ފައިބައިގަތެވެ.

"ރަހްމާ ތިކަންތައްތައް ތި ބޮޑުކުރަނީ އޮންނަން މިންވަރަށްވުރެ މާ ބޮޑުކޮށް އަހަރެންނަކަށް ދެން މިކަމެއް ނުވާނެ،" މާޖިދު ލެޕްޓޮޕް ލައްޕައިލަމުން ފުންމައިގެން ތެދުވިއެވެ.

މި ހިތްދަތި ހާލަތުގައި ދުވަސްތައް ފާއިތުވަމުން ދަނިކޮށް، އެއްދުވަހެއްގެ ހަވީރުގެ ވަގުތެއްގައި ރަހުމާގެ ބޭބެ ހަސަން ޒަރީރުގެ އަނބިމީހާ، އާގިސާ އެ ގެއަށް ޒިޔާރަތްކުރިއެވެ. ކޮފީ ތައްޔާރުކުރަން ބަދިގޭގައި ހުރި ރަހުމާގެ މޫނުމަތިން ފެންނަމުންދިޔަ މޯޅިކަމާއި، އެ ދެލޮލުގެ ވަށައިގެން ފެތުރިފައިވާ ކަޅުކަމުން، ކޮންމެވެސް ބޮޑު ހިތާމައެއް އޭނާ ވަށައިލާފައިވާކަން އާގިސާއަށް ވަގުތުން ދެނެގަނެވުނެވެ.

"ރަހުމާ... އަސްލު ކިހިނެއްވެގެން މިއުޅެނީ؟" އާގިސާ މަޑުމައިތިރިކަމާއެކު ގޮސް ރަހުމާގެ ކޮނޑުގައި އަތްބާއްވާލަމުން އަހައިލިއެވެ. "މާޖިދުއާ ދެމެދު މައްސަލައެއް ޖެހުނީތަ؟ މިހާރަކަށް އައިސް ރަހުމާ ތިހުންނަނީ މުޅިން ބަދަލުވެފައި."

އާގިސާގެ އެ އޯގާތެރި ބަސްތަކުން، ގިނަ ދުވަސްތަކެއް ވަންދެން ހިތުތެރޭގައި ފޮރުވައިގެން ހުރި ކަރުނަތައް ކޯތާފަތްމައްޗަށް ބަންޑުންވެގެން ދިޔައެވެ. ދެން އިތުރަށް އެ ހަގީގަތް ސިއްރުކުރާނެ ހިތްވަރެއް ރަހުމާގެ ކިބަޔަކު ނެތެވެ.

"ދައްތާ... މާޖިދުގެ ދުނިޔޭގައި އަހަރެމެންނަކަށް އެއްވެސް ޖާގައެއް ނެތް،" ރަހުމާ ގިސްލަމުން ބުންޏެވެ. "އޭނާގެ ހުރިހާ ވަގުތަކީ އޮފީހާއި، ވިޔަފާރިއާއި، ރައްޓެހިން. އަހަންނަކަށް ނޫން، ކުޑަމިނުން ދެ ކުދިންނަށްވެސް އެ ބައްޕަގެ އަޅާލުމެއް ލޯތްބެއް ނުލިބޭ. މިހާރު ރައްޔާނަށްވެސް މިކަންކަން ވިސްނި، އެ ދަރިފުޅުގެ ކިޔެވުން މުޅިން ގެއްލިއްޖެ. އަހަރެން ހަދާނެ ގޮތެއް ހަމަ މުޅިން ހުސްވެއްޖެ."

ރަހުމާގެ ހިތާމަތައް އަޑުއަހާފައި އާގިސާގެ ހިތަށް ފުން އަސަރެއް ކުރިއެވެ. އޭނާ ރަހުމާގެ އަތުގައި ހިފަހައްޓައިލަމުން ބުންޏެވެ.

"ރަހުމާ، ތިހެން ހަދައިގެން ތި ގެއްލެނީ ރަހުމާގެ އަމިއްލަ ސިއްހަތާއި ދިރިއުޅުން. އޭނާއަށް ނުވިސްނެންޏާ، ދެން ތި ޝަކުވާތައް ކުރުން އެއްކޮށް ހުއްޓާލާ. ތިމާގެ އަގު ވަޒަންނުކުރާ މީހެއްގެ ފަހަތުން ދުވުމުގެ ބޭނުމެއް ނެތް. އަމިއްލަ ނަފްސާ ދޭތެރޭ ވިސްނައި، ހަމަޖެހިލައިގެން ދަރިން ގޮވައިގެން އުޅެވޭތޯ ބަލާ. ހިތްވަރު އެލުވާނުލާ."

އެވަގުތު ރަހުމާ ކުއްލިއަކަށް ހާސްވެފައި އާގިސާގެ އަތުގައި ބާރަށް ހިފަހައްޓައިލިއެވެ. "ދައްތާ! އާދޭސްކޮށްފައި ބުނަން، މި ވާހަކަ ބޭބެ ގާތު ނުބުނައްޗޭ! ބޭބެއަށް މިކަން އެނގިއްޖެއްޔާ ރުޅިއައިސްގެން މާޖިދުއާ ކުރިމަތިލާނެ. އަހަރެން ބޭނުމެއް ނޫން އާއިލާގެ ތެރޭގައި އިތުރު ހަމަނުޖެހުމެއް އުފެދޭކަށް. އިހަށް ބޭބެ ކައިރީ އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށް އަހަންނަށް ވަޢުދުވޭ."

ރަހުމާގެ އެ އާދޭހަށް ބަލައިލުމަށްފަހު، ފުން ނޭވައެއް ދޫކޮށްލަމުން އާގިސާ ބުންޏެވެ. "އެންމެ ރަނގަޅު، ރަހުމާ ނޭދެންޏާ އަހަރެން ޒަރީރު ގާތަކު ނުބުނާނަން. އެކަމަކު ރަހުމާއަށް އެނގޭތަ؟ ހުރިހާ ކަމެއް އެތެރެއަށް ހިންދާލައިގެން ތިހެން ހިމޭނުން ހުރުމަކީ ހައްލެއް ނޫން. އަޑުނުއިވޭ މީހަކަށް ގޮވައި ގޮވައި ވަރުބަލިވުމުން އަންނަ ހިމޭންކަމަކީ، އެތެރެއިން އިންސާނާ މަރާލާ އެއްޗެއް. ކެތްތެރިވުމަކީ އަނިޔާއަކަށް ރުހިގެން ހުރުމެއް ނޫން."

ހަގީގަތުގައި ވެސް، ރަހުމާގެ މުޅި ހަޔާތުގައި ވެސް ހުރި އެންމެ އިތުބާރުކުރެވޭ، ހެޔޮލަފާ ނަސޭހަތްތެރިޔަކީ އާގިސާއެވެ. ފުރާވަރު އުމުރުގައި ބައްޕަ ވަކިވެދިޔުމަށްފަހު، އޭލެވެލްގައި ކިޔެވި ދުވަސްވަރު ވެސް ރަހުމާގެ ބެލެނިވެރިއެއްގެ ޒިންމާ އުފުލީ ހަމަ އެ ދައްތައެވެ. އަދި ފަހުން، ފުރަތަމަ ދަރިފުޅު ރައްޔާ ވިހަން ކައިރިވެފައި ވަނިކޮށް ލޯބިވާ މަންމަ މިދުނިޔެއާ އަލްވަދާއު ކިޔުމުން، އެ ހުސްކަން ފުރައިދީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެންމެ ބޮޑު ހިތްވަރަކާއި އެހީތެރިކަމެއް ފޯރުކޮށްދިނީ ވެސް އާގިސާއެވެ. އެހެންކަމުން، މިއަދުވެސް ރަހުމާގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ތަނބަކީ އާގިސާއެވެ.

އެ ދުވަހުގެ ބައްދަލުވުމަށްފަހު ރަހުމާގެ ވިސްނުން މުޅިން ބަދަލުވިއެވެ. ފަހަރި އާގިސާގެ އަގުހުރި ނަސޭހަތްތަކުން އޭނާގެ ހިތަށް އާ ދިރުމަކާއި ހިތްވަރެއް ލިބުނެވެ. އަދި އަމިއްލަ ނަފްސުގެ ކަރާމާތާއި ދަރިންގެ ހައްގުގައި ހަރުދަނާ ފިޔަވަޅެއް އަޅަން އޭނާއަށް މަޖުބޫރުވިއެވެ. ކޮންމެ ރެޔަކު ދަންވަރު ވަންދެން މާޖިދު އަންނާނެ އިރެއްގެ އިންތިޒާރުގައި، ކާން ހަދައިގެން ސޯފާގައި އިނުން ރަހުމާ އެއްކޮށް ހުއްޓައިލިއެވެ. ރޭގަނޑު ދިހައެއް ޖެހުމާއެކު ދަރިން ގޮވައިގެން ކައި ނިންމައި، ކުދިން ނިންދަވައި، އަމިއްލަ ކޮޓަރިއަށް ވަދެ ދޮރު ތަޅުލަން ފެށިއެވެ. ކޮންމެ ދުވަހަކު ކުރަމުން އައި ޝަކުވާތައް މުޅިން ނިމުމަކަށް ގެނައެވެ. މާޖިދު ގެއަށް އަންނަ ގަޑިތަކާ މެދު ސުވާލުކުރުމާއި، ފޯނު ނުނަގައިގެން ރުޅިއައުން އެއްކޮށް ދޫކޮށްލިއެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ދެކި، އެ ހުރިހާ ވޭނެއް އެތެރެއަށް ހިންދާލައި، ފުން ހަމަހިމޭންކަމެއް އިޚްތިޔާރުކުރިއެވެ.

ޖެހިގެން އައީ ހޮނިހިރު ދުވަހެވެ. ވަގުތަކީ ހެނދުނުގެ ވަގުތެވެ. ކާމޭޒު ދޮށުގައި މާޖިދު އިނީ އާދައިގެ މަތިން ފޯނަށް ގެއްލިފައެވެ. ބަންދު ދުވަހަކަށް ވުމުން ރައްޔާންއާއި ރާޔާވެސް ސައިބޯން އައިސް އިށީނެވެ. ރަހުމާ ޕާން ޓޯސްޓްކޮށްގެން ގެނެސް މޭޒުމަތީގައި ބެހެއްޓުމަށްފަހު، ދަރިންނާ ވާހަކަދައްކަމުން ދިޔައެވެ. އެވަގުތު މަންމަގެ މިޒާޖަށް އައިސްފައިވާ އާދަޔާޚިލާފު ބަދަލު ރައްޔާނަށް ފާހަގަކުރެވުނެވެ.

"މަންމާ... ކިހިނެއްވީ؟ ރަނގަޅުތަ؟" ރައްޔާން ކަންބޮޑުވެފައި އަހައިލިއެވެ.

ރަހުމާ އެއްވެސް އެއްޗެއް ނުބުނެ، ހިމޭންކަމާއެކު ހަމައެކަނި ބޯޖަހައިލިއެވެ. އޭރުވެސް މާޖިދު އިނީ ދަރިންނާ އަނގައިންވެސް ބުނެނުލައި، ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެންނެވެ. ރައްޔާން އޭނާގެ ބައްޕައަށް ތަކުރާރުކޮށް ގޮވައިލިއެވެ. ނަމަވެސް އެ އަޑު ބައްޕަގެ ކަންފަތާ ހަމައަށް ފޯރާ ގޮތެއް ނުވިއެވެ. ދެން އިނީ އަށް އަހަރުގެ ކުޑަކުޑަ ރާޔާއެވެ. އެ އުމުރަކީ ބައްޕައެއްގެ ފަރާތުން ލޯތްބާއި އަޅާލުން އިންތިހާއަށް ބޭނުންވާނެ އުމުރެވެ. ނަމަވެސް ރާޔާއާއި އޭނާގެ ބައްޕައާ ދެމެދު އެއްވެސް ގާތްކަމެއް ނެތެވެ. ވިސްނޭ އުމުރަށް އާދެވުނުއިރުވެސް ބައްޕަގެ ފަރާތުން އޯގާތެރި ބަހެއް، ލޯބިވެތި ފިރުމުމެއް ފެނިފައި ނުވާތީ، ކުޑަކުޑަ ރާޔާ ބައްޕައާ ދޭތެރޭ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

މަންމަގެ މޫނުމަތިން ފެންނަމުންދިޔަ މޯޅިކަން އިހުސާސްކުރެވިގެން، ރައްޔާން ބައްޕަގެ ސަމާލުކަން ހޯދަން އަނެއްކާވެސް މަސައްކަތްކުރިއެވެ. "ބައްޕާ... އެނގޭތަ މަންމަ ވަރަށް ބޮޑަށް ބަދަލުވެއްޖެކަން? ބައްޕާ، އަޅެ އެންމެ ފަހަރަކު ނަމަވެސް އަނގައިން ބުނެބަލަ!"

އެވަގުތު މާޖިދު ފޯނަށް ބަލަންހުރެ ނުރުހުންވެފައި ބުންޏެވެ. "އާނ! އަޑު އިވިއްޖެއޭ."

ބައްޕަގެ އެ ފަރުވާކުޑަ ޖަވާބުން މާޔޫސްވެ، ރައްޔާން ހަނުހުރެ ސައިވެސް ރަނގަޅަށް ނުބޮއި ތެދުވެގެން ދިޔައެވެ. ފަހަތުން ރާޔާވެސް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ދަރިން ދިޔުމުން ރަހުމާ މަޑުމައިތިރިކަމާއެކު ތަށިތައް ނަގައި ސާފުކުރަން ފެށިއެވެ. އަދި ރަހުމާ ބަދިގެއަށް ވަނުމާއެކު މާޖިދުވެސް ތެދުވެގެން ގޮސް ސިޓިންގރޫމުގައި ހުރި ސޯފާގައި އިށީނެވެ. ބަދިގޭގެ ކަންކަން ނިންމާލުމަށްފަހު ރަހުމާ އައިސް ސިޓިންގރޫމުގައި އިން މާޖިދުގެ ކުރިމަތީގައި ހުއްޓުނެވެ. ނަމަވެސް މިފަހަރު އޭނާގެ މޫނުމަތީގައި ޝަކުވާއެއް ނެތެވެ. ފެންނަން ހުރީ ފަނޑު ހިނިތުންވުމެކެވެ.

މި ބަދަލު ފެނިފައި މާޖިދު ހިތާހިތުން އުފާވިއެވެ. އޭނާ ދެކުނީ އަނބިމީހާ އޭނާގެ ހާލަތު ދެނެގަނެ، އަމިއްލައަށް ހަމައަކަށް އެޅުނީ ކަމަށެވެ. އަދި އޭނާއަށް އުނދަގުލެއް ނެތި އުޅުމުގެ މިނިވަންކަން ލިބުނީ ކަމަށެވެ. މާޖިދުގެ ނަޒަރުގައި އެ ހިމޭންކަމަކީ ހިތްހަމަޖެހުމެވެ. އެއީ ދެބަސްވުންތައް ނިމުމަކަށް އައުމެވެ. ނަމަވެސް، އެ ހިމޭންކަމުގެ ފަހަތުގައި ވަނީ ގޮތްހުސްވެފައިވާ ހިތެއްގެ ނިމުމާއި، ކައިވެނީގެ ވަރުގަދަ ބިންގާ ރެނދުލައިގެން ދިޔުންކަން އޭނާއަކަށް ކުޑަކޮށްވެސް ނުވިސްނުނެވެ.

ރަހުމާ ފިނި ހިނިތުންވުމަކާއެކު މާޖިދުގެ މޫނަށް ބަލައިލިއެވެ. "އަހަރެން ޝަކުވާ ނުކުރާތީ ކަލެއަށް ހީވަނީ އަހަރެން މިހާރު މިހުރީ ވަރަށް އުފަލުން ކަމަށްތަ؟ މި ހިމޭންކަމުގެ އަސްލު މާނައެއް ކަލެއަކަށް ދުވަހަކުވެސް ނޭނގޭނެ،" އޭނާ ހިތާހިތުން ބުނެލިއެވެ.

"އަހަރެން ފޮނުވި މެސެޖު ދުށިންތަ؟" ރަހުމާ ވަރަށް މަޑުމައިތިރިކޮށް އަހައިލިއެވެ.

މާޖިދު ޖީބުން ފޯނު ނަގަމުން އަހައިލިއެވެ. "ކޮން މެސެޖެއް؟"

"މީގެ ފަސް މިނެޓު ކުރިން ބަދިގޭގައި ހުރެފައި އަހަރެން ފޮނުވި މެސެޖު."

"ބަދިގޭގައި ހުރެފައޭ؟ އަހަރެން މިތާ ކައިރީގައި ހުއްޓާ ބަދިގޭގައި ހުރެގެން ކީއްކުރަން މެސެޖު ފޮނުވީ؟" މާޖިދު ހައިރާންވެފައި އެހިއެވެ.

"އަހަންނަށް އެނގޭ މާޖިދު އިނީ މިތާކަން. އެކަމަކު އަހަރެން ވާހަކަދެއްކިޔަސް، ދެ ކުދިން ގޮވިޔަސް އަޑުއިވޭ ކަމަކަށް މާޖިދު ނަހަދަމެއްނު. އެހެންވެ ހިތަށްއެރީ ފޯނަށް މެސެޖެއް ފޮނުވައިފިއްޔާ ފަހަރެއްގައި ލޮލުގައި އަޅައިގެންފާނޭ. ކަޅިޖަހައިނުލާ ފޯނަށް ގެއްލިފައި އިންނަތަން ނޫން މަންޒަރެއް އަހަންނަކަށް ނުފެނޭ. މިއަދު ހަވީރު ދަރިފުޅުމެން ބޭނުންވަނީ އެކުދިންގެ ދޮންތިއާއި އޭނާގެ ދެ ކުދިންނާއެކު ޕާކަށް ދާން. އެހެންވެ، އަހަރެން ހިތަށްއެރީ ދެމީހުން އެކަނި ބޭރަށް ގޮސްލާނީއޭ. ރައްޔާން ލިބުމުގެ ކުރިން އަހަރެމެން ދިޔަ ބީޗަށް... އެ ދުވަސްތައް ހަނދާން އެބަހުރިތަ؟" ރަހުމާގެ އަޑުގައިވީ އާދޭހުގެ އެންމެ ފަހު ވިންދެވެ.

މާޖިދު ފޯނު ބާއްވަމުން ރަހުމާގެ މޫނަށް ބަލައިލިއެވެ. "ތިހުރީ ވަރަށް ވަރުބަލިވެފައެއްނު."

"އާނ، އަހަރެން މިހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި."

"ނިދި ހަމަނުވާތީ ތިހާ ބޮޑަށް ވަރުބަލި ތިވަނީ. ފަތިހު ތެދުވާއިރު، މިހާރަކަށް އައިސް ނިދަނީ އެކެއް ދޭއް ޖަހާ ފަހުން."

"މާޖިދަށްވެސް އެކަން ފާހަގަވީތަ؟" ރަހުމާގެ ހިތުގައި ކުޑަ އުއްމީދެއް އުފެދުނެވެ.

"އާނ، އަހަންނަށް ފާހަގަވޭ."

މާޖިދު އެހެން ބުނުމުން ރަހުމާގެ ހިތުގައި ސުވާލު އުފެދުނެވެ. "އަނެއްކާ މާޖިދު... ހުރިހާ ކަމެއް ރަނގަޅުތަ؟ އަހަންނާ ވާހަކަދައްކަބަލަ..."

"އަސްލު ކިހިނެއްވީ؟" މާޖިދު ފުރަތަމަ ފަހަރަށް ކުޑަކޮށް މަޑުމައިތިރިވެލަމުން އެހިއެވެ.

ރަހުމާގެ ހިތް ފުރިގެން އައެވެ. އޭނާގެ ހުރިހާ ވޭނަކާއި އެކަނިވެރިކަމެއް ބަންޑުންކޮށްލަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އެ ވަގުތު، މާޖިދުގެ ފޯނު އަނެއްކާވެސް ބާރަށް ރިންގުވާން ފެށިއެވެ.

މާޖިދު ވަގުތުން ސްކްރީނަށް ބަލައިލިއެވެ. "އޮފީހުން އެ ގުޅަނީ ފާރިޒް."

"މާޖިދު، އާދޭސްކޮށްފައި ބުނަން، މިފަހަރު އެކަނިވެސް އެ ފޯނު ރިންގުވާން ދޫކޮށްލަބަލަ!" ރަހުމާ އާދޭހުން ފުރިގެންވާ އަޑަކުން ގޮވައިލިއެވެ. އެ އަޑުގައިވީ ހިތްފަޅައިގެންދާ ފަދަ ވޭނެކެވެ.

"ދެ މިނެޓު ދީ،" މާޖިދު ރަހުމާގެ އާދޭހަށް ފުރަގަސްދީ، ފޯނު ކަންފަތުގައި ޖެހިއެވެ. "އާނ ފާރިޒް، ނޫން އަދި އެންމެ ފަހުގެ ހިސާބުތަކެއް އަހަރެން ނުދެކެން. އެހެންވީމާ އަޕްޑޭޓްކޮށްފައި އަހަންނަށް ފޮނުވާލާތި..."

މާޖިދު ފޯނުގައި ހުރެގެން ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. ރަހުމާ ގަނޑުވެފައި އެތަނުގައި ހުއްޓެވެ. މުޅި ދުނިޔެ އެނބުރިގަތް ފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. އޭނާގެ އަގަކީ މާޖިދުގެ ދިރިއުޅުމުގައި އެންމެ ދެ މިނެޓުގެ ވަގުތުކޮޅެއްވެސް ނޫންކަން އަނެއްކާވެސް ސާބިތުވެގެން ދިޔައެވެ. އެކުގައި ވިޔަފާރި ބިނާކުރަން ކުރި ބުރަ މަސައްކަތާއި، އެ ހުރިހާ އަހަރުތަކުގެ ގުރުބާނީގެ ބަދަލަކީ މިއީ ހެއްޔެވެ؟ މާޖިދުގެ ނަޒަރުގައި އޭނާގެ އަނބިމީހާގެ އިހުސާސްތަކާއި ކަރުނައަށްވުރެ ފޯނު ކޯލަކާއި ވިޔަފާރީގެ މުއާމަލާތެއް މާ މުހިންމެވެ.

ރަހުމާ އެތަނުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަދެ، ދޮރު ތަޅުލިއެވެ. އަދި އެނދުމައްޗަށް ވެއްޓިގަނެ، ބާލީހުގައި މޫނު ފޮރުވައިގެން ގިސްލާ ރޯން ފެށިއެވެ. ސާދަ އަހަރުގެ ކެތްތެރިކަމާއި، ވޭނާއި، އެކަނިވެރިކަން ކަރުނައިގެ ސިފައިގައި ފައިބައިގަތެވެ. މޭގައި އުފެދިފައިވާ ރިހުން ކެތްނުވާ ވަރު ވުމުން، ތެދުވެ ލޯގަނޑު ކުރިމަތީގައި ހުއްޓި، އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން ވާހަކަދައްކަން ފެށިއެވެ.

"މި ތޫފާން ނިމިއްޖެ ކަމަށް ހީކޮށް އަހަރެން ހާސް ފަހަރު ރޮއެފީމެވެ. އެއީ އަހަރެން ޝަކުވާ ނުކުރާތީއެވެ. ނަމަވެސް، ހައްގު ހޯދަން މަސައްކަތް ކުރުން ހުއްޓާލާ އަންހެނަކީ ނުބައި މަގަކުން ހިނގަން ފަށާފައިވާ މީހަކަށް ވެދާނެއެވެ."

ރަހުމާ ލޮލުން ކަރުނަތައް ފޮހެލިއެވެ. އޭނާގެ ހިތުގެ ކޮންމެ ވިންދަކުން ހެކިދެމުން ދިޔައީ އެންމެ ހަގީގަތެކެވެ؛ ހިމޭންކަމަކީ ހިތްހަމަޖެހުމެއް ނޫނެވެ. އެއީ ލޯތްބާއި އުއްމީދު މަރުވެ، ހިތް ހަލާކުވެއްޖެ ކަމުގެ ނިޝާނެކެވެ.

ކޮޓަރީގެ ދޮރުމަތީގައި ހުރި ރައްޔާންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. މަންމަގެ އެ ވޭނީ ބަސްތައް ދޮރުގެ ބޭރަށް ވަރަށް ސާފުކޮށް އިވުނެވެ. ބައްޕަގެ އަޅާނުލުމާއި، މަންމަ އެކަނިމާއެކަނި އުފުލަމުންދާ ބުރަ ފެނި، އެ ކުޑަކުޑަ ހިތް ކުދިކުދިވަމުން ދިޔައެވެ. އެވަގުތު، ކައިރީގައި ހުރި ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވައިލުމަށްފަހު، އަށް އަހަރުގެ ކުޑަކުޑަ ރާޔާވެސް ނުކުތެވެ. އޭނާގެ އަތުގައި ބައްދާލައިގެން އޮތް ކުޑަ ޓެޑީބެއާ މޭގައި ޖައްސައި ބާރުކޮށްލައިގެން ހުރިއިރު، އެ މައުސޫމު ދެލޮލުން ފެންނަމުންދިޔައީ ބަޔާންކުރަން ނޭނގޭ ފަދަ ބިރުވެރިކަމެކެވެ. ގޭތެރޭގެ މި ފިނި މާހައުލާއި، މަންމަގެ ރުއިމުގެ އަޑު، އެ ތުއްތު ހިތަށް ކެތްވާ ވަރަށްވުރެ މާ ބޮޑެވެ.

ރާޔާ މަޑުމަޑުން އައިސް ބޭބެ ރައްޔާންގެ އަތުގައި ހިފާލިއެވެ. "ދޮންބޭ... މަންމަ ކީއްވެ އެ ރޮނީ؟" ރާޔާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. "އަހަރެމެން ކަމެއް ގޯސްކޮށް ކުރީތަ؟ ބައްޕަ ރުޅިއައީތަ؟"

ރައްޔާން ކޮއްކޮގެ ގައިގައި ބާރަށް ބައްދައިލިއެވެ. އަދި ކަރުނަތަކުގެ ތެރެއިން ކުރިއަށް ޖެހިލައި، މަޑުމަޑުން ގޮސް މަންމަގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ.

"މަންމާ... ދޮރު ހުޅުވަބަލަ... އަހަރެމެން މިތިބީ މަންމައާއެކުގައެވެ."

ރަހުމާ އަވަސްއަވަހަށް ދޮރު ހުޅުވައިލުމާއެކު، ރައްޔާންއާއި ކުޑަކުޑަ ރާޔާދުވެފައި ގޮސް މަންމަގެ ގައިގައި ބާރަށް ބައްދައިގަތެވެ. ދޮރު ރަނގަޅަށް ނުލެއްޕި ކުޑަކޮށް ހުޅުވިފައި ހުރި އެ ކޮޓަރީގެ ތަޅުންމަތީގައި ރަހުމާ އިށީނދެލުމުން، ރާޔާ މަންމަގެ އުނގުގައި ބޯއަޅައިލިއެވެ. އަދި އޭނާގެ ކުޑަކުޑަ އަތުން މަންމަގެ ކޯތާފަތްމަތީގައިވާ ކަރުނަތައް ފޮހެދޭން މަސައްކަތް ކުރަމުން ދިޔައެވެ.

"މަންމާ ނުރޮއެބަލަ... އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ،" ރާޔާ ގިސްލަމުން ބުންޏެވެ.

ތިންމައިން އެކުގައި ތިބެ ތަޅުންމަތީގައި ކަރުނަ އަޅަމުން، އެކަކު އަނެކަކަށް ހިތްވަރު ދެމުން ދިޔައީ އެ ހިތާމައިގެ ތެރޭގައެވެ.

ހަމަ އެ ވަގުތެވެ. ބެލްކަނީގައި ހުރެ އޮފީހުގެ ފައިސާގެ ވާހަކަ ދައްކައި ފޯނު ކޯލު ނިންމާލުމަށްފަހު، މާޖިދު އެނބުރި ސިޓިންގރޫމަށް ވަނެވެ. މުޅި ގޭތެރޭގައި ވެރިވެފައި އޮތީ ބިރުވެރި މަރު ހިމޭންކަމެކެވެ. ސިޓިންގރޫމުގައި އެކަކުވެސް ފެންނާކަށް ނެތެވެ. މީގެ ކުރިން އޭނާ އެ ހިމޭންކަން މާނަކުރީ ހިތްހަމަޖެހުމެއްގެ ގޮތުގައެވެ. ނަމަވެސް، މިފަހަރު އެ ފަޅުކަން އޭނާގެ ހިތްވަށައިލީ ބަޔާންކުރަން ނޭނގޭ ފަދަ ނުތަނަވަސްކަމަކުންނެވެ.

ކުއްލިއަކަށް މާޖިދުގެ ކަންފަތުގައި ޖެހުނީ ކޮޓަރިއާ ދިމާއިން އިވެމުންދިޔަ މަޑު ގިސްލުމުގެ އަޑާއި، ކުޑަކުޑަ ރާޔާގެ އެ ވޭނީ އަޑެވެ. އޭނާ ފިޔަވަޅުތައް އަވަސްކޮށްލަމުން ގޮސް، ކުޑަކޮށް ހުޅުވިފައި ހުރި ރަހުމާގެ ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލިއެވެ.

އެތެރެއަށް ބަލައިލި ވަގުތު މާޖިދުގެ މޭގައި މީހަކު މަރުތޭލަކުން ޖެހި ފަދަ އިހުސާސެއް ކުރެވުނެވެ. ތަޅުންމަތީގައި އިށީނދެގެން ތިބެ، ތިންމައިން އެކަކު އަނެކަކުގެ ގައިގައި ބައްދައިގަނެގެން ރޮމުން ދިޔަ މަންޒަރު ފެނުމުން އޭނާގެ ދެފައިން ވާގިދޫވާ ގޮތްވިއެވެ. އެއާއެކު ރަހުމާ ކުރިން ބުނި ޖުމުލަތަކާއި، ޝުއައިބު ދިން ނަސޭހަތް އޭނާގެ ސިކުނޑީގައި ގުގުމައިގަތެވެ؛ މިއީ ހިތްހަމަޖެހުމުގެ ހިމޭންކަމެއް ނޫންކަމާއި، މިއީ އެ ހިތްތައް މަރުވެ، އޭނާގެ އިހުމާލުން އެ އާއިލާ ފުނޑުފުނޑުވަމުންދާ ކަމުގެ ހެއްކެއްކަން މާޖިދަށް ކުއްލިއަކަށް އިހުސާސް ކުރެވުނެވެ.

އެވަގުތު މާޖިދުގެ އަތުން ފޯނު ދޫވެ، ތަޅުންމައްޗަށް ވެއްޓުނެވެ. ލޮލުން ފައިބައިގަތް ކަރުނަތަކާއެކު މާޖިދު ކޮޓަރީގެ ދޮރު ބޮޑަށް ހުޅުވާލައި އެތެރެއަށް ވަނެވެ. އަދި އެއްވެސް ވިސްނުމަކާ ނުލައި، އެމީހުންގެ ކައިރިއަށް ކަކޫމައްޗަށް ތިރިވިއެވެ.

ކުއްލިއަކަށް ބައްޕަ ފެނުމުން ކުދިން ކުޑަކޮށް ޖެހިލުންވެ، މަންމަގެ ގައިގައި އިތުރަށް ބައްދައިގަތެވެ. އެ މަންޒަރު ވެގެންދިޔައީ މާޖިދުގެ ހިތް ކުދިކުދިކޮށްލި ކަމަކަށެވެ. އަމިއްލަ ދަރިން އޭނާ ދެކެ ބިރުގަންނަ ހިސާބަށް ކަންކަން ގެންދެވުނީ އޭނާގެ އަމިއްލަ ފަރުވާކުޑަކަމުންނެވެ.

"ރަހުމާ... ރައްޔާން... ރާޔާ..." މާޖިދުގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. އޭނާ ކުރިއަށް ޖެހިލައި، ރަހުމާއާއި ދެކުދިން އެއްފަހަރާ އޭނާގެ މޭގައި ޖައްސައި ބާރަށް ބައްދައިގަތެވެ. "ބައްޕައަށް މަޢާފުކުރޭ ދަރިފުޅުމެންނޭ... ރަހުމާ، އަހަންނަށް މަޢާފުކުރޭ! އަހަރެން މިއީ ކިހާ ގޯސް މީހެއް... ތިޔަ ލޯތްބާއި ކުލުނަށްވުރެ ބޮޑު އެއްވެސް އެއްޗެއް މި ދުނިޔެއަކު ނެތްކަން ވިސްނުނުއިރު އަހަންނަށް މިވަނީ ތިޔަ ހިތްތައް ކުދިކުދި ކުރެވިފައި..."

މާޖިދު ފަދަ ހަރުކަށި މިޒާޖެއްގެ މީހަކު އެފަދަ ގޮތަކަށް ރޮއެ އާދޭސްކުރާތަން ފެނުމުން ރަހުމާއަށްވެސް ގަބޫލުކުރަން ދަތިވިއެވެ. މާޖިދުގެ އެ ކަރުނަތަކަކީ ހަގީގީ ހިތާމައިގެ ކަރުނަކަން ރަހުމާއަށް އިހުސާސް ކުރެވުނެވެ. ރާޔާ މަޑުމަޑުން އޭނާގެ ކުޑަކުޑަ އަތުން ބައްޕަގެ ކޯތާފަތްމަތީގައިވާ ކަރުނަތައް ފޮހެދިނެވެ. އަދި ރައްޔާންވެސް ބައްޕަގެ ކޮނޑުގައި ބޯއަޅައިލިއެވެ. ސާދަ އަހަރުވީ އެ ގުޅުމުގެ ފިނިކަން ކެނޑި، އެ ކޮޓަރިތެރެއަށް ލޯބީގެ ހޫނުކަން ވެރިވެގެން ދިޔައީ އެވަގުތުއެވެ.

އެ ދުވަހަށްފަހު މާޖިދުގެ މުޅި ދިރިއުޅުން ބަދަލުވިއެވެ. އޮފީހުގެ މަސައްކަތްތައް ހަަވާލުކުރާނެ އިތުބާރު ހިފޭ މީހުން ހަމަޖައްސައި، އޭނާގެ ގިނަ ވަގުތު އާއިލާއަށް ޚާއްސަކުރިއެވެ. ކޮންމެ ދުވަހަކު އޮފީސް ނިންމާފައި ސީދާ ގެއަށް އަންނަން ފެށިއެވެ. ގޭތެރޭގައި އުޅޭއިރު ފޯނު އޮންނަނީ އެއްފަރާތެއްގައެވެ. ދަރިންނާއެކު ފިލާވަޅު ހެދުމުގައާއި، އެކުދިންގެ ކުޅިވަރުތަކުގައި ބައިވެރިވާން ފެށިއެވެ. ރަހުމާއާއެކު ބަދިގޭގެ ކަންކަމުގައި އެހީތެރިވެ، ދެމަފިރިން އެކުގައި ހަވީރުގެ ހިތްގައިމު ހިނގައިލުންތަކަށް ދާން ފެށިއެވެ.

ހަފުތާއެއް ފަހުން އައި ހުކުރު ދުވަހުގެ ހަވީރެވެ. ހުޅުމާލޭގެ ގޮނޑުދޮށުގައި ރާޅުތައް ބީއްސާލަ ބީއްސާލައި އޮތް ހިތްގައިމު މާހައުލެވެ. ރައްޔާންއާއި ރާޔާ އުފަލުން ފުމެމުން، ދޮންވެލިގަނޑުމަތީގައި ދުވެ ކުޅެމުން ދިޔައެވެ. ދުރުގައި އެ މަންޒަރު ބަލަން، އަތުގުޅުވާލައިގެން ތިބީ މާޖިދާއި ރަހުމާއެވެ.

މާޖިދު ރަހުމާގެ އަތަށް ބާރުކޮށްލަމުން، އޭނާގެ މޫނަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލައިލިއެވެ.

"ރަހުމާ... އެދުވަހު ބުނީ ތެދެއް. ހަމަހިމޭންކަމަކީ ހިތްހަމަޖެހުމެއް ނޫން. އެކަމަކު ބަލާބަލަ... މިއަދު އަހަރެމެންގެ ދިރިއުޅުމުގައި މިވަނީ ހަގީގީ ހިތްހަމަޖެހުން. އެއީ ތިޔަ ދެލޮލުން ފެންނަ އުފާވެރިކަމާއި، ދަރިންގެ ތިޔަ ހުނުމުގެ އަޑު."

ރަހުމާ ހިނިތުންވެލަމުން މާޖިދުގެ ކޮނޑުގައި ބޯއަޅައިލިއެވެ. އުދަރެހަށް ރަން ރީނދޫ ކުލަ ފަތުރާލަމުން އިރު އޮއްސެމުން ދިޔައިރު، އެ ދަނީ ވޭތުވެދިޔަ އެކަނިވެރި، އަނދިރި ދުވަސްތަކުގެ ހިތާމަތައް އަބަދުގެ އަބަދަށް ވަދާއުކިޔައި، އެ އާއިލާގެ ދިރިއުޅުމަށް ލޯތްބާއި އުފާވެރިކަމުގެ ރަން ދޯދިތައް ވެރިކުރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު