ޓައިވާނަށް ތޫފާނު 'ޗަމްޕީ' އެރައި ބޮޑެތި ގެއްލުންތަކެއް،
ޓައިވާނަށް ތޫފާނު 'ޗަމްޕީ' އެރައި ބޮޑެތި ގެއްލުންތަކެއް،
ބާރުގަދަ ވަޔާއި ބޯ ވިއްސާރައާއެކު އުފެދުނު ނުރައްކާތެރި ތޫފާން "ޓައިފޫން ޗަމްޕީ" ޓައިވާނަށް އަރައި، ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

މި ތޫފާނުގެ ސަބަބުން އެކަކު މަރުވެ، މަދުވެގެން 350 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ކަމާބެހޭ އިދާރާތަކުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ނުރައްކާތެރި ވައިރޯޅިތަކެއް ޖެހެމުންދާ ކަމަށް ބުނެ، ރައްޔިތުން ގެއިން ބޭރަށް ނުނިކުތުމަށް އަންގާފައެވެ.

ހުކުރު ދުވަހު މި ތޫފާން ޓައިވާނުގެ އިރުއުތުރު ސަރަޙައްދަށް އަރައިގެން ދިޔައިރު، ގަސްތައް ވެއްޓި، ފިހާރަތަކާއި ސްކޫލްތައް ވަނީ ބަންދުކުރަން ޖެހިފައެވެ. އަދި އެތައް ހާސް ގެއަކުން ކަރަންޓުގެ ޚިދުމަތް ކެނޑިގެން ގޮސްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 4،300 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރުން ނެރެ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ޓައިވާނުގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަން (ސީ.ޑަބްލިއު.އޭ) ގެ މޫސުމާ ބެހޭ މާހިރު ލިން ޕިންގް-ޔޫ ވިދާޅުވީ، ހުކުރު ދުވަހުގެ ރޭގަނޑުން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް ހުރިހާ ސަރަޙައްދަކަށް ވެސް ވައިގަދަވެ، މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް ގޭތެރޭގައި ތިބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

މި ތޫފާން އެންމެ ފުރަތަމަ އުފެދުނުއިރު ގަޑިއަކު ގާތްގަނޑަކަށް 300 ކިލޯމީޓަރު (186 މޭލު) ގެ ބާރުމިނުގައި ވައިޖެހުނު ނަމަވެސް، ފަހުން ވަނީ ތަންކޮޅެއް ބާރުދެރަވެފައެވެ. އެމެރިކާގެ ޖޮއިންޓް ޓައިފޫން ވޯނިންގ ސެންޓަރުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާރު ތޫފާނުގެ އެންމެ ބާރުގަދަ ވައިރޯޅިތައް ހުރީ ގަޑިއަކު 185 ކިލޯމީޓަރު (115 މޭލު) ގެ ބާރުމިނުގައެވެ.

މޫސުމާ ބެހޭ އިދާރާތަކުން އިންޒާރު ދޭ ގޮތުގައި އެންމެ ގޯސް ހާލަތާ ކުރިމަތިލާން ޖެހޭނީ މިއަދު އެވެ. ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހާ ދެމެދު 900 މިލިމީޓަރު (35 އިންޗި) ގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، އެންމެ ބޮޑު އަސަރެއް ކުރާނީ އިރުއުތުރު ސަރަޙައްދުތަކަށެވެ. ހުކުރު ދުވަހު އެކަނިވެސް ޔީލާން ކައުންޓީއަށް 400 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވެއެވެ. އަދި މި ތޫފާން ޓައިވާނުގެ އިރުއުތުރު ކަނޑައޮޅި ކައިރީގައި ދަތުރުކުރާ ދުވެލި މަޑުވުމުގެ ސަބަބުން، ތޫފާނުގެ ނޭދެވޭ އަސަރު ދިގުލައިގެން ހިނގައިދާނެ ކަމަށް ސީ.ޑަބްލިއު.އޭ ގެ މާހިރު ލޫ ކުއޯ-ޗެން ވަނީ ފާހަގަކުރައްވާފައެވެ.

ޓައިވާނަށް ގެއްލުން ދިނުމަށްފަހު ޗަމްޕީ ދަތުރުކުރަމުން ދަނީ ޗައިނާއާއި ޖަޕާނާ ދިމާއަށެވެ. މި ތޫފާނުގެ ސަބަބުން މި ސަރަޙައްދުގެ އެތައް ސަތޭކަ ފްލައިޓެއް މިހާރުވެސް ވަނީ ކެންސަލްކުރަން ޖެހިފައެވެ. ޖަޕާނުގެ އޮކިނާވާ ކަރަންޓު ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، ހުކުރު ދުވަހުގެ މެންދުރުފަހު އޮކިނާވާގެ 8،400 އެއްހާ ގެއިން ވަނީ ކަރަންޓު ކެނޑިފައެވެ. ލަފާކުރެވޭ ގޮތުގައި މި ތޫފާން އޮކިނާވާ އަދި ޗައިނާގެ އިރުމަތީ އައްސޭރިފަށުގެ ކައިރީގައި ދައުރުވުމަށްފަހު، އެނބުރި ދަތުރުކުރާނީ ޖަޕާނުގެ މައި ބިމާ ދިމާއަށެވެ.

މި ތޫފާނަކީ ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި އުފެދިފައިވާ "އެލް ނީނޯ" ގެ ސަބަބުން ބާރުގަދަވެފައިވާ ތޫފާނެކެވެ. އދ. އިން ބުދަ ދުވަހު ބުނެފައިވަނީ، ޓްރޮޕިކަލް ޕެސިފިކް ކަނޑު ހޫނުވުމަށް މެދުވެރިވާ ގުދުރަތީ މި ހާދިސާ މިހާރު ހުރީ އާދަޔާ ޚިލާފު މިންވަރަކަށް މަތީގައި ކަމަށެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ޖަމްޢިއްޔާ (ޑަބްލިއު.އެމް.އޯ) ގެ ސެކްރެޓަރީ ޖެނެރަލް ސެލެސްޓޭ ސައުލޯ ވިދާޅުވީ، މިހާރު މި ހިނގާ އެލް ނީނޯ ހާދިސާއަކީ ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި ރެކޯޑުކުރެވިފައި ނުވާ ފަދަ ވަރުގަދަ ހާދިސާއަކަށް ވުން އެކަށީގެންވާ ކަމަށެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހު މި ހާދިސާ އެންމެ ނުރައްކާ ދަރަޖައަކަށް ދާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ނޭދެވޭ އަސަރުތައް 2027 ވަނަ އަހަރާ ހަމައަށް އަދި އޭގެ ފަހަށް ވެސް ދެމިގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު