2025 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
2025 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން މިއަދު ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ. މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި މި ޚާއްޞަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް އޮންނާނެއެވެ. މި ޚާއްޞަ އިނާމަކީ، ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ޤައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ލިބޭ ފަރާތްތައް ހޮއްވަވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

މީގެ އިތުރުން، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް މި ޖަލްސާގައި ދެއްވުމަށް ހަމަޖެހިފައިވެއެވެ. މިއީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މި އިނާމުގެ ގޮތުގައި ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.

މި ޖަލްސާއަކީ ޖުމްހޫރީ ދުވަހުގެ ރޫޙު އާލާކޮށް، ޤައުމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ބާއްވާ މުހިންމު ރަސްމިއްޔާތެކެވެ.



ކިޔުންތެރިންގެ ހިޔާލު