ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްއަށް ފަންނީ ތަމްރީން ހޯދަން ޗައިނާއަށް ފުރާ 10 މީހުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްއަށް ފަންނީ ތަމްރީން ހޯދަން ޗައިނާއަށް ފުރާ 10 މީހުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--
ރާއްޖޭގައި ހިންގާ "ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއު"ގެ ދަށުން ތަރައްގީކުރާ 20 ނާސަރީއަށް ބޭނުންވާ ފަންނީ ތަމްރީނު ހޯދުމަށް، 10 މީހުންގެ ވަފުދެއް ޗައިނާއަށް ފުރާގޮތަށް ހަމަޖެހިއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަހުގެ 27 އިން ފެށިގެން ނޮވެންބަރު މަހުގެ 7 ގެ ނިޔަލަށް ޗައިނާގެ ފޫޖިއާން ޕްރޮވިންސުގައި ކުރިއަށްދާ މި 'ނާސަރީ މެނޭޖްމަންޓް ޕްރޮގްރާމް' ގެ މައިގަނޑު މަގުސަދަކީ، ގައުމީ މަޝްރޫއުގެ ދަށުން ގާއިމުކުރާ 20 ނާސަރީ ހިންގުމުގެ ގާބިލުކަން އިތުރުކޮށް، ފަންނީ ގާބިލް މީހުން ބިނާކުރުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ގަސް އުފެއްދުމަށް ނާސަރީތައް ތަރައްގީކުރަމުންދާއިރު، މި ޕްރޮގްރާމް ޚާއްސަކޮށް ފަރުމާކޮށްފައިވަނީ ފޫޖިއާންގައި މި ދާއިރާއިން ހޯދާފައިވާ ކާމިޔާބު ތަޖުރިބާތަކުގެ އަލީގައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެެވެ. މި ތަމްރީނުގެ ސަބަބުން ނާސަރީތައް ހިންގާ ފަރާތްތަކުގެ ފަންނީ ގާބިލްކަން އިތުރުވެ، ރާއްޖޭގައި ގަސް އިންދުމާއި ހެއްދުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

މި ފުރަތަމަ ބުރުގައި ބައިވެރިވާ 10 ބޭފުޅުންނަކީ މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެ ފަރާތްތަކެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު