ޕެންޝަން އޮފީސް
ޕެންޝަން އޮފީސް
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2026" ގެ ޕާޓްނަރަކަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޕެންޝަން އޮފީހުން ބުނީ، މި އަހަރުގެ ފައިނޭންސް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2026 ގައި ކަމަށެވެ. މި ބައްދަލުވުމަކީ ސިލްސިލާކޮށް ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ އެޑިޝަނެވެ.

މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މާލީ ދާއިރާގެ ހިއްސާދާރުން އަދި މި ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކަށް ޖަމާކޮށް، "ގްރީން ފައިނޭންސް" ނުވަތަ ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.





މީގެއިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓް ކުރެވޭނެ ފުރުސަތުތައް ދެނެގަނެ، ދިވެހިރާއްޖެއަށް މާލީ ގޮތުން ރައްކާތެރި އަދި ވިލުންވެރި މުސްތަޤްބަލެއް ބިނާކުރުމަށް އެހީތެރިވެދިނުމަކީވެސް މި ފޯރަމްގެ މުހިންމު އަމާޒެއް ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ މާލީ އަދި އިޤްތިޞާދީ މުހިންމު ކަންކަމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުމަށް ފަހިވެގެންދާ ވަރަށް މުހިންމު މަންސައެކެވެ. އެގޮތުން މި ފަހަރުގެ ފޯރަމުގައިވެސް އަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ވިލުންވެރި ރައްކާތެރި އިޤްތިޞާދެއް ބިނާކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އައު ޚިޔާލުތައް ހޯދުމަށް ބާރުއެޅިގެންދާނެ ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު