(ވ-ކ) ސަލަފް ޖަމިއްޔާގެ ތަރުޖަމާނު، ހަސަން މޫސާ ފިކުރީ، އެ ޖަމިއްޔާގެ ރައީސް، އަބްދުﷲ މުހައްމަދު، ޑރ. އަލީ ޒާހިރު -- ފޮޓޯ: ސޯޝަލްމީޑިއާ
(ވ-ކ) ސަލަފް ޖަމިއްޔާގެ ތަރުޖަމާނު، ހަސަން މޫސާ ފިކުރީ، އެ ޖަމިއްޔާގެ ރައީސް، އަބްދުﷲ މުހައްމަދު، ޑރ. އަލީ ޒާހިރު -- ފޮޓޯ: ސޯޝަލްމީޑިއާ
ރަސްމާލެ ހިމެނޭ ގޮތަށް ރާއްޖޭގައި ހިންގާ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓް މަޝްރޫއުތަކުގެ ގާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކުލަވައިލުމުގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ މުހިންމު އަށް ކަމެއް ފާހަގަކޮށް، ޖަމްއިއްޔަތުއްސަލަފުން ސަރުކާރަށް އިލްތިމާސެއް ހުށަހަޅައިފިއެވެ.

އެ ޖަމްއިއްޔާއިން ބުނެފައިވާ ގޮތުގައި، ކަމާގުޅުންހުރި މުއައްސަސާތަކާ އެކު ބޭއްވުނު ބައްދަލުވުންތަކުން އެނގިފައިވާ ގޮތުގައި، ރަސްމާލެ މަޝްރޫއުގެ ތެރެއިން 500 ހެކްޓަރުގެ ބިން، ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނާނެހެން، ރިއަލް އެސްޓޭޓް އުސޫލުން ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަކަށް ދޫކުރުމަށް ވަނީ ރޭވިފައެވެ.

ޖަމްއިއްޔަތުއްސަލަފުގެ މި އިލްތިމާސްގައި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތާއި ގައުމީ ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުމާއި، މި މަޝްރޫއުގެ ސަބަބުން އާބާދީގެ އޮނިގަނޑަށް އަތުވެދާނެ ބަދަލުތަކާއި ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތައް ދުރާލައި ދިރާސާކުރުން ހިމެނެއެވެ.

މީގެ އިތުރުން، އިގްތިސާދީ ތަރައްގީގެ އެންމެ މަތީ މަންފާ ދިވެހި ރައްޔިތުންނަށް ލިބިދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށާއި، ދެފުށް ފެންނަ ހާމަކަންބޮޑު ސިޔާސަތެއްގެ ދަށުން، ހުޅުވާލެވިފައިވާ އިގްތިސާދަކާ އެކުވެސް ގައުމީ އަސާސްތައް ނުގެއްލޭނެހެން ހަމަހަމަކަން ދެމެހެއްޓުމަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި މަޝްރޫއު ކުރިއަށްދާ ގޮތް މެދުކެނޑުމެއްނެތި މޮނިޓާކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި، މުޖުތަމައަށް ކޮށްފާނެ އިޖުތިމާއީ އަސަރުތައް ވަޒަންކުރުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު، ފަލަސްތީނުގެ މުގައްދަސް ބިންތައް ޣައިރުގާނޫނީ ގޮތުގައި ފޭރިގަނެގެން އުޅޭ ޒަޔަނިސްޓް އިޒްރޭލުގެ ރައްޔިތުންނަށް މި މަޝްރޫއުގެ ތެރެއިން އެއްވެސް ފުރުސަތެއް ނުދިނުމަށް ސަލަފުން ވަނީ ވަކިން ޚާއްސަކޮށް އިލްތިމާސްކޮށްފައެވެ.

މިފަދަ ބޮޑެތި މުއާމަލާތްތަކުގެ އެއްބަސްވުންތައް އާންމުކޮށް ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު އިސްލާމީ އަދި އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް ކަންކަން ހިނގަމުންދާކަން ކަށަވަރުކުރެވޭނެ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރަމުން، ސަލަފުން ބުނެފައިވަނީ މި މަޝްރޫއުގެ ފުރިހަމަ ތަސައްވުރު ސާފުވާނީ އެއްބަސްވުން އެކުލަވައިލައި، އެއާ ގުޅޭ ގާނޫނު ވުޖޫދަށް އައުމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު