ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ
ވެރިކަމުން ދުރުކުރެވިފައިވާ ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ، އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެނބުރި ޤައުމަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ. މިކަން އެކަމަނާގެ ތަރުޖަމާނު ވަނީ ރޮއިޓާސް ނިއުސް އެޖެންސީއަށް ކަށަވަރުކޮށްދެއްވާފައެވެ.

ޙަސީނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގައެވެ. ވެރިކަން ގެއްލުނު ފަހުން، އެނބުރި ޤައުމަށް ވަޑައިގަންނަވާނެ ވަކި ތާރީޚެއް އެކަމަނާ ކަނޑައެޅުއްވި މިއީ ފުރަތަމަ ފަހަރެވެ.

ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހަކީ ބަންގްލާދޭޝްގެ ތާރީޚުގައި ވަރަށް ޚާއްޞަ ދުވަހެކެވެ. އެއީ 1971 ވަނަ އަހަރު ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމަ ކާމިޔާބުވި ދުވަސް ނުވަތަ އެ ޤައުމުގެ "ވިކްޓްރީ ޑޭ" އެވެ.

މި ނިންމެވުމާ ގުޅިގެން ބަންގްލާދޭޝްގެ ސިޔާސީ އަދި ޤާނޫނީ މަސްރަޙުގައި ނުތަނަވަސްކަން އިތުރުވެގެން ދިއުމުގެ ފުރުޞަތު އެބައޮތެވެ. ޙަސީނާގެ ޕާޓީ، އަވާމީ ލީގުގެ ޙަރަކާތްތައް އެ ޤައުމުގައި މިހާރު ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، މި މަހުގެ ކުރީކޮޅު ޙަސީނާ އާ ޕާސްޕޯޓަކާއި އެހެނިހެން ލިޔެކިޔުންތައް ހޯއްދެވުމުގެ މަސައްކަތްޕުޅު ފެއްޓެވި ޚަބަރާއެކުވެސް އެ ޤައުމުގެ މަސްރަޙު ވަނީ ބޮޑަށް ހޫނުވެފައެވެ.

ޙަސީނާގެ ތަރުޖަމާނު ސައްޔިދު މޮޒައްމެލް ޢަލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ޙަސީނާ އިންޑިއާއަށް ވަޑައިގެންނެވީ ސަރުކާރުގެ ބޯޓެއްގައި ކަމަށެވެ. އެހެންކަމުން، މިހާރު އެނބުރި ޑާކާއަށް ވަޑައިގަތުމަށްޓަކައި ޤައުމީ އެއާލައިން "ބިމާން ބަންގްލާދޭޝް" މެދުވެރިކޮށް ދަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ޤާނޫނުއަސާސީއާ ޚިލާފަށް އެކަމަނާ ޤައުމުން ބޭރުގައި ހުންނަވަން ޖެހިވަޑައިގެންފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި ވިކްޓްރީ ޑޭގައި އެނބުރި ވަޑައިގަތުމުގެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުގެ ރަސްމީ ތަރުޖަމާނަކު އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ނަމަވެސް، ސަރުކާރުގެ ވަޒީރަކު ރޮއިޓާސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މަރުގެ އަދަބު ކަނޑައަޅާފައިވާ ބޭފުޅަކު އެނބުރި ވަޑައިގެންފިނަމަ ވަގުތުން ހައްޔަރުކޮށް ޖަލަށް ލެވޭނެ ކަމަށެވެ. އަދި ޙަސީނާ އަނބުރާ ގެނައުމަށް ބޯޓެއް ފޮނުވުމާ ގުޅޭގޮތުން އިންޑިއާއާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އދ. ގެ ރިޕޯޓުތައް ބުނާ ގޮތުގައި، ޙަސީނާ ވެރިކަމުން ދުރުކުރި ހަމަނުޖެހުންތަކުގައި 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދަރިވަރުން އިސްވެ ތިބެ ކުރި މުޒާހަރާތަކުގެ ބައިވެރިން މެރުމަށް އަމުރުކުރެއްވި ކަމުގެ ކުށުގައި، ބަންގްލާދޭޝްގެ ކޯޓަކުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ޙަސީނާގެ ޣައިރު ޙާޟިރުގައި މަރުގެ ޙުކުމް އިއްވާފައެވެ.

އެހެންނަމަވެސް، އެކަމަނާ އަދިވެސް ގެންދަވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް