ފީއަލީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ފީއަލީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ފ. ފީއަލީގައި ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޓައިބީމް ޝަޓަރިންގ އަދި ރީއިންފޯސްމަންޓުގެ މަސައްކަތްތައް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢު ކުރިއަށްގެންދާ ފަރާތުން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ސައިޓުގައި ކުރިއަށްދަނީ ޢިމާރާތުގެ ބިންގަލުގެ މުހިންމު ބައެއް ކަމަށްވާ ޓައިބީމްގެ ދަގަނޑު ބަނުމާއި ޝަޓަރިންގ ޖެހުމުގެ މަސައްކަތްތަކެވެ. މި މަހުގެ ތެރޭގައި މި މަސައްކަތްތައް ފަށައިގެން ކުރިއަށްދާއިރު، މަޝްރޫޢުގެ ސްޕީޑު ހުރީ ތާވަލާ އެއްގޮތަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

މި މަޝްރޫޢުގެ ކުރީ މަރުޙަލާގެ މަސައްކަތްތަކަށް ބަލާއިރު، ނިމިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ފައުންޑޭޝަން ފުޓިންގ އެޅުމަށް ބޭނުންވާ ޝަޓަރިންގ ހެދުމާއި، ދަގަނޑު ބެއްސުމުގެ އިތުރުން ކޮންކްރީޓް އެޅުމުގެ އެންމެހައި މަސައްކަތްތައް އެއްކޮށް ނިންމާލާފައެވެ.

ފީއަލީގައި ތަރައްޤީކުރާ މި މަރުކަޒަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ރައްޔިތުންގެ ދުޅަހެޔޮކަމާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މި ޤައުމީ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ރަށެއްގައި މިފަދަ ސެންޓަރުތައް ބިނާކޮށް، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ފީއަލީގައި މި ވަސީލަތް ޤާއިމުވެގެން ދިއުމަކީ އެރަށުގެ ޒުވާނުންނަށާއި، ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށާއި، އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުޞަތެކެވެ.



ކިޔުންތެރިންގެ ހިޔާލު