ދުނިޔޭގައި މިހާރު ހަލުއިކަމާއިއެކު ފެތުރެމުންދާ ކޯވިޑް19ގެ ބަލިމަޑުކަމުގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައިވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޤަޞްދުނުކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޯވިޑް 19 އާއި ގުޅިގެން ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޯވިޑް19 އަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިހާރުވަނީ ކަނޑައަޅައި އިޢުލާންކޮށްފައިކަމުގައި ވިދާޅުވިއެވެ. އަދި މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ޞިއްޙީ އިދާރާތަކަށްވެސް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"މި ބަލި ރާއްޖެއިން ފެނުމުގެ އެތައް ދުވަހެއް ކުރިން، މި ބައްޔާމެދު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަން ފަށައިފިން. ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް، މިދިޔަ ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެސެސްމަންޓެއް ހަދައި، ތައްޔާރުވާން ފަށައިފިން. މި ބަލި ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، މި ބަލި ކޮންޓްރޯލް ކުރެވޭނެ ވަކި ދުވަސްވަރެއް، ދުނިޔޭގެ ޞިއްޙަތާބެހޭ ތަޖުރިބާކާރުންނަށްވެސް އަދި ޔަޤީނެއްނުވޭ. އެހެންކަމުން، މި ނުރައްކާތެރި ބަލިން އެންމެހައި ދިވެހިންނާއި، ރާއްޖޭގައި އުޅޭ އެންމެން ރައްކާތެރިކުރުމަށް، ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ލަފަޔާ އެއްގޮތަށް." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުން ފިޔަވަޅުތައް އަޅަމުން މި އަންނަނީ، ރާއްޖޭގައި ލިބެންހުރި ވަސީލަތްތަކާއި ޙާލަތަށް ބަލައި، ރާއްޖޭގައި ތިއްބެވި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށެވެ. އެގޮތުން މި ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ކަނޑައެޅުމަށް "ރިސްކް ލެވެލް" ބަލާ މިންގަނޑުތައް ކަނޑައަޅައި، މި މަޢުލޫމާތުތައް މިހާރު ވާނީ ޢާންމުކުރައްވާފައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ވަޒަންކުރުމަށްފަހު، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައިވެސް މި ބަލި ޖެހިފައިވާ 8 މީހަކު މިހާރު އެބަތިބިކަމަށާއި އެ މީހުންނާ އެކި ގޮތްގޮތުން ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް، ވަރަށް ހަރުދަނާ ގޮތެއްގައި، ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމުގައި ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި 8 މީހުންނާ ގުޅިގެން ރާއްޖޭގެ ތިން ރިޒޯޓެއްގައި ތިބި މީހުންގެ ޙާލަތު ބަލައި މޮނިޓަރ ކުރަން ފެށުނު.އެ ތިން ރިޒޯޓަށް މެޑިކަލް ޓީމުތައް ގޮސް، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެކަހެރި ކުރަންޖެހޭ މީހުން އެކަހެރިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައި. އަދި އެ ރިޒޯޓްތަކުގައި ތިބި ފަތުރުވެރިން، އެމީހުންގެ ޤައުމުތަކަށް ދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައި." ރައީސް ޞާލިހް ވިދާޅުވިއެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ، ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ އަދާކުރެއްވުންކަމަށާއި އެގޮތުން ޞިއްޙީ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައި، ޢާންމު ސާފުތާހިރުކަމަށް މިދުވަސްވަރު ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މި ބައްޔަށް ޝައްކުކުރެވޭ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ، އެކަން ހޮޓްލައިން ނަންބަރު 1676 އަށް ރިޕޯޓް ކުރެއްވުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

އޭގެ އިތުރުން، މި ބަލި ބޮޑަށް ފެތުރެމުންދާ ޤައުމުތަކަށް ދިޔުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މިހާރު އިޢުލާނުކޮށްފައިވާނެ ކަމަށާއި މި ބަލި ބޮޑަށް ފެތުރެމުންދާ ޤައުމުތަކުން ރާއްޖެއަށް މީހުން އައުން ވަގުތީގޮތުން މަނާކުރަމުން ގެންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން