ހަސަން ފަރީދު
ހަސަން ފަރީދު
ޏ. ފުވައްމުލައް ދޫނޑިގަމް އާސްމާންގޭ އަބްދުﷲ ޝުހާދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި އެ ރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް، ސުޕްރީމް ކޯޓުން އެ ހުކުމް ދެމެހެއްޓުމަށް ނިންމައިފިއެވެ.

މިއީ 27 ޖެނުއަރީ 2010 ގެ ރޭ ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގު ގުޅުނު ހަތަރު އަނގޮޅީގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާ ދިމާލު ކަނާތު އަރިކައްޓަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލައެވެ.

އެ މައްސަލައިގައި ދައުލަތުން ކުރި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ވެސް ކުރިން ވަނީ ތާއީދުކޮށްފައެވެ.

މި މައްސަލަ ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވެސް ނިންމެވީ ދަށު ކޯޓުތަކުގެ ހުކުމް ރަނގަޅު ކަމަށެވެ. ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޝުހާދުގެ ގަޔަށް ފަރީދު ވަޅި ހެރި މަންޒަރު ފެނުނު ކަމަށް ހަތް މީހަކު ވަނީ ހެކިބަސް ދީފައެވެ.

އަދި ދައުލަތުން ހުށަހެޅި މެޑިކޯ ލީގަލް ރިޕޯޓާއި މަރު ސާބިތުކުރި ލިޔުމާމެދު ފަރީދު އެއްވެސް ސުވާލެއް އުފައްދާފައި ނުވާކަން ކޯޓުން ފާހަގަކުރިއެވެ.

ފަރީދުގެ ފަރާތުން ކޯޓުގައި ދިފާއުގައި ބުނެފައިވަނީ، އޭނާއާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ތެރޭގައި މާރާމާރީގައި އަނިޔާވި މީހަކާއި މަރުވި ޝުހާދުގެ ތިމާގެ މީހަކު ހިމެނޭތީ އެ ހެކިބަހުގެ އަދުލުވެރިކަން ގެއްލޭ ކަމަށެވެ. އަދި މިއީ އަންހެން ކުއްޖެއްގެ މައްސަލައިގައި އޭނާގެ ކޮއްކޮއާ ޖެހުނު މައްސަލައެއްގެ ތެރެއިން އުފެދުނު ތުހުމަތެއް ކަމަށާއި، ހާދިސާ ހިނގި ވަގުތު އޭނާ ހުރީ ގޭގައި ކަމަށް ވެސް ފަރީދު ބުނެފައިވެއެވެ.

ނަމަވެސް، ކޯޓުން ނިންމެވީ ހަމައެކަނި އެ ދެ މީހުންގެ ހެކިބަހަށް ރިއާޔަތްކުރުމުގެ ބަދަލުގައި، ޖުމްލަ ހަތް މީހެއްގެ ހެކިބަހާއި ދައުލަތުން ހުށަހެޅި ގަރީނާތަކަށް ބަލާއިރު ފަރީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އަދި ބައެއް ހެކިންނަށް ހާދިސާ ހިނގި ބައެއް ތަފްސީލުތައް ކޯޓުގައި ބުނެދެވިފައި ނެތް ނަމަވެސް، ތަހުގީގުގައި ކަން ހިނގި ގޮތް ތަފްސީލުކޮށް ބުނެދީފައިވުމުން، ހަމަލާދިން ތަން ދުށް ކަމަށް އެ މީހުން ބުނާ ބުނުން ނަފީ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.



ކިޔުންތެރިންގެ ހިޔާލު