ޤައުމީ ފުޓުބޯޅަ ޓީމު ބަންގްލަދޭޝްގައި
ޤައުމީ ފުޓުބޯޅަ ޓީމު ބަންގްލަދޭޝްގައި
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް 'ބީ' ގައި މިއަދު ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ޕާކިސްތާން އަތުން ދިވެހިރާއްޖެ ބަލިވެ، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ރާއްޖެއަށް ވަރަށް ބޮޑަށް ހަނިވެއްޖެއެވެ.

މެޗު ފެށިގެން ފުރަތަމަ މިނެޓުގައި މުޒަދާން ހަސަން ތަނަވަސްކޮށްދިން ރަނުގެ ފުރުސަތަކުން، އަހުމަދު މައިޝް ރަޝީދު ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. އޭގެ ދެ މިނެޓު ފަހުން ޕާކިސްތާނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިއީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން މައިކެލް އަރޫން އަބްދުﷲ އަށް މުހައްމަދު ނާއިމް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އަރޫން ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ޕާކިސްތާނުން ދެއްކި ވަރުގަދަ ކުޅުމާއެކު، ކުރު މުއްދަތެއްގެ ތެރޭގައި އިތުރު ދެ ގޯލު ޖަހައި މެޗުގެ ކޮންޓްރޯލް އެ ޓީމުން މުޅިން އަތުލިއެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި ޖުނައިދު އަހުމަދު ޝާހް ނަގައިދިން ހުރަހަކުން ނަޖީބުﷲ އެ ޓީމުގެ ދެވަނަ ގޯލު ޖެހިއިރު، މެޗުގެ 24 ވަނަ މިނެޓުގައި ރާއްޖޭގެ ޑިފެންޑަރު އަމްދާން އަލީ ކައިރިން ނައްޓާލުމަށްފަހު އޭނާ ވަނީ ޕާކިސްތާނުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މެޗުގެ 20 ވަނަ މިނެޓުގައި އިބްރާހީމް އައިސަމް އަދި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަށް ނަތީޖާގެ ފަރަގު ކުޑަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އޭގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ރާއްޖޭން ދެވަނަ ހާފަށް ނުކުތީ މުހިންމު ތިން ބަދަލަކާއެކުގައެވެ. އެގޮތުން ހުސައިން ޝިފާއު ޔޫސުފް (ކްރޯ)، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަދި އަލީ ފާސިރު (ސެންޓޭ) ވަނީ ކުޅެން އަރުވާފައެވެ. މި ބަދަލުތަކާއެކު ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، ސެންޓޭ އާއި ނާއިމް ފޮނުވާލި ހަމަލާތަކުން ޕާކިސްތާނުގެ ގޯލަށް ނުރައްކާކުރިއެވެ. މީގެ އިތުރުން ފޭދޫ އިއްބެ ކާމިޔާބުކުރި ގޯލެއް އޮފްސައިޑް ކަމަށް ރެފްރީ ނިންމިއިރު، މެޗުގެ ފަހުވަގުތު ބަދަލު ކުޅުންތެރިން ކަމަށްވާ ނައްސާހް އިބްރާހީމް ނާސިރު އަދި އަހްޒަމް ރަޝީދު ފޮނުވާލި ހަމަލާތައްވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި ނަތީޖާއާއެކު ގްރޫޕް 'ބީ' އިން ސެމީ ފައިނަލަށް ދަތުރުކުރުމަށް ރާއްޖެއަށް މިހާރު ވަނީ އިންތިހާއަށް ދަތި އުނދަގޫ މަގެއް ކަނޑައްތުކުރަން ޖެހިފައެވެ. ރާއްޖޭގެ އިތުރުން އިންޑިއާ އަދި ޕާކިސްތާން ހިމެނޭ މި ގްރޫޕުގެ ފުރަތަމަ މެޗުގައި އިންޑިއާއިން 3-2 އިން ޕާކިސްތާން ބަލިކޮށްފައިވާތީ، ފައިދާ ގޯލުގެ ތަފާތުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށްޓަކައި، ކުރިއަށް އޮތް މެޗުގައި އިންޑިއާގެ މައްޗަށް ބޮޑު ތަފާތަކުން މޮޅެއް ހޯދުން ރާއްޖެއަށް މިހާރު ވަނީ މަޖުބޫރުވެފައެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 11 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް