ލޭގެ ޕްރެޝަރު ބަލަނީ
ލޭގެ ޕްރެޝަރު ބަލަނީ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަބަޔަކު ތަހައްމަލުކުރަމުންދާ ލޭގެ ޕްރެޝަރު މައްޗަށްދިޔުމުގެ މައްސަލައަށް އުންމީދީ އާ ހައްލެއް ހޯދިފައިވާކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތާއި އަދި ސުވިޑްޑަންގެ ހިއްސާ އޮންނަ ބައިނަލްއަގުވާމީ ބޭސްއުފައްދާ ބޮޑު ކުންފުނި އަސްޓްރާޒެނެކާގެ "ބެކްޑްރޮސްޓެޓް"ގެ ނަމުން ނަންދީފައިވާ މި އާ ބޭހަކީ، އާންމުކޮށް ބޭނުންކުރާ ބޭސްތަކުން ޕްރެޝަރު ކޮންޓްރޯލް ނުވާ މީހުންނަށް އިންތިހާއަށް ފައިދާހުރި ބޭހެއްކަމަށް ދިރާސާތަކުން ދައްކައެވެ.

ހަށިގަނޑުގައި ލޮނާއި ފެން ހިފަހައްޓައި، ލޭގެ ޕްރެޝަރު މައްޗަށްދާން މެދުވެރިކުރުވާ ހޯރމޯނެއް ކަމަށްވާ އެލްޑޮސްޓެރޯން އުފެއްދުން ހުއްޓުވައިދޭ މި ބޭހުގެ ސަބަބުން، އެންމެ އާދައިގެ ގޮތަކަށް ބޭނުންކޮށްގެންވެސް ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް ދަށްކޮށްދޭކަން ވަނީ ފާހަގަކުރެވިފެވެ.

މި ބޭހާ ގުޅޭގޮތުން ހިންގުނު ފަހުގެ ކްލިނިކަލް ދިރާސާތަކުން ދައްކާގޮތުގައި، މި ބޭސް ބޭނުންކުރި ބަލިމީހުންގެ ލޭގެ މަތީ ޕްރެޝަރު އެއްވެސް ނުރައްކާތެރި އަސަރަކާ ނުލައި ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައިވެއެވެ.

އަދި ބައެއް ހާލަތްތަކުގައި، މިއީ ހަމައެކަނި ޕްރެޝަރު ކޮންޓްރޯލްކޮއްދޭ އެއްޗެއް ނޫން ކަމަށާއި، ބޭސް ބޭނުންކުރުން ހުއްޓާލުމަށްފަހުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ޕްރެޝަރު ދަށްކޮށް ހިފެހެއްޓުމުގެ ގާބިލުކަން މި ބޭހުގައި ހުރެދާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

މިއީ ކިޑްނީގެ ސިއްހަތަށްވެސް ފައިދާހުރި ކަމެއް ކަމަށްވާއިރު، މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކްޖެހުން ފަދަ ނުރައްކާތެރި ހާދިސާތަކުން މީހުން ސަލާމަތްކުރުމަށް ބޮޑު އެހީތަކަކަށްވެގެންދާނެ ކަމަށް ސިއްހީ މާހިރުން އުންމީދުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު