އެމްޕީއެލްގެ އިސްވެރިން ކޮމިޓީގައި-
އެމްޕީއެލްގެ އިސްވެރިން ކޮމިޓީގައި-
މާލޭ ނޯތު ހާބަރުގައި އޮތީ ވަރަށް ކުޑަ ޖާގައެއް ކަމަށާއި، ނަމަވެސް ޕޯޓުގެ ޚިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމުން 2.3 ކިލޯމީޓަރުގެ ކީވޯލެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ހުސެއިން ޝަފީގު ވިދާޅުވެއްޖެއެވެ.

ޝަފީގު މިހެން ވިދާޅުވީ، މާލޭ ނޯތު ހާބަރު ބޭނުންކުރުމުގައި އަލަށް އަމަލުކުރަން ފެށި އުސޫލުގެ ސަބަބުން އަތޮޅުތަކަށް މުދާ އުފުލާ ބޯޓުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، އެ ކޮމިޓީއަށް އެމްޕީއެލްގެ އިސްވެރިން މިއަދު ހާޒިރުކުރުމުން ދެއްކެވި ވާހަކަފުޅުގައެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ، މިހާރު ނޯތު ހާބަރު ކުރިމައްޗަށްވާ ގޮތަށް ހުންނަ އަތޮޅު ފިހާރަތަކަކީ ވަރަށް ކުދި އަދި ހަނި މަގުތަކެއްގައި ހުންނަ ތަންތަން ކަމަށެވެ. އަދި އެ ސަރަޙައްދުގެ ދަތިކަމުގެ ސަބަބުން އެ ތަންތަނުން މުދާ ގެންދިއުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުން 2.3 ކިލޯމީޓަރުގެ ބޮޑު ކީވޯލެއް ލިބިގެންދާނެ ކަމަށާއި، އަތޮޅު ފިހާރަތައް ގާއިމުކުރެވިގެންދާނީ ކީވޯލުގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ ތަނަވަސް ވެއާހައުސްތަކެއްގައި ކަމަށް ޝަފީގު ވިދާޅުވިއެވެ. މީގެއިތުރުން އެ ސަރަހައްދުގެ މަގުތައް ވެސް ފުޅާވެ، ދަތުރުފަތުރުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ބަދަލާއެކު އެމްޕީއެލް އަށާއި ވިޔަފާރިވެރިންގެ އިތުރުން ނޯތު ހާބަރުން ހިދުމަތް ހޯދާ އޮޑިވެރިންނަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ޝަފީގު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ނޯތު ހާބަރުގެ ސެކްޝަން މެނޭޖަރު މުހައްމަދު އަޒަރު ވިދާޅުވީ، ކޮންމެ މަހަކުހެން ނޯތު ހާބަރަށް ބޯޓުފަހަރު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން، އެ ބަނދަރަށް ބޯޓުތައް އެންމެ ފުރަތަމަ ގާތްކުރަން ފެށިއިރު 80 ބޯޓަކުން ހިދުމަތް ހޯދަމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު 149 އަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބޯޓުތަކުގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ފަޅުގެ ޖާގަ ބޮޑުކުރެވިފައި ނުވާ ކަމަށާއި، އޭގެ ބަދަލުގައި ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއާއެކު ފަޅު ކުރިއަށްވުރެ ވެސް ބޮޑަށް ހަނިވެފައިވާކަން އަޒަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު ކޭޓާކުރެވޭ ވަރަށް ވުރެ ޖާގަ މިއޮތީ ދަތިވެފައި. ކުރިން އަށްޑިހަ ބޯޓާ އެކު އޮންނައިރު ޓާންވާނެތާ އަވަހަށް. އެހެންނަމަވެސް މިހާރު 149 ބޯޓާ އެކު ރޯލްކުރާއިރު މި އަންނަ ދަތިތަކެއް މި އަންނަނީ." އަޒަރު ވިދާޅުވިއެވެ.

އަޒަރު އިތުރަށް ވިދާޅުވީ، ފަޅު ތޮއްޖެހުން ކުޑަކުރުމުގެ މަގުސަދުގައި ގަވައިދަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކުރިން އަމަލުކުރަމުން އައި ގޮތަކީ ނޯތު ހާބަރުގެ ފަޅަށް ވަދެގެން މެނުވީ ކިއުގައި ނޯޓު ނުކުރެވޭ ގޮތަށް ކަމަށް ވިޔަސް، މިހާރު ގެނައި ބަދަލާއެކު، ބޯޓު ފަޅުން ނުކުންނަ ގޮތަށް ވެސް، އެ ބޯޓަކުން ބޭނުންވެއްޖެ ހާލަތެއްގައި ކިއުގައި ނޯޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު