މާވަށު ބިން ހިއްކުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
މާވަށު ބިން ހިއްކުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ލ. މާވަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ފަޅު ކޮނުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މާވަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބިން ހިއްކުމަށް ބޭނުންވާ ސަރަހައްދު ކޮނުމުގެ އަމަލީ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފަށާފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހުގައެވެ.

މި މަޝްރޫއުގެ ދަށުން ވެލި ނަގާނެ ސަރަހައްދު ދެނެގަތުމަށް ސޭންޑް ސާޗް ސާވޭއެއް ހެދުމާއި، ރަށުގެ ފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ.

މާވަށު ބިން ހިއްކުމުގެ މި މަޝްރޫއަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 61.46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ.

މި މަޝްރޫއު ނިމުމުން މާވަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިކަމަށާއި އިގްތިސާދީ އެކި ބޭނުންތަކަށް ބިން ނެތުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް