އޮޑިޓަރ ޖެނެރަލް (މ)
އޮޑިޓަރ ޖެނެރަލް (މ)
ދައުލަތުން އެކި ފަރާތްތަކަށް ނުދައްކާ ހުރި ބިލުތަކުގެ އަދަދު ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، ނަމަވެސް އެ ބިލުތައް ދެއްކުމަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކާ ގޮތުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 22 ބިލިއަން ރުފިޔާ ނުލިބި އެބައޮތް ކަމަށެވެ. އަދި ޓެކްސް ނުދެއްކުން އިތުރުވާ މައިގަނޑު އެއް ސަބަބަކީ، ދައުލަތުން އެކި މަސައްކަތްތައް ހަވާލުކުރާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދެވި ދިގުލައިގެން ދިއުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ދައުލަތުގެ ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ބިލުތަކުގެ އަދަދު އެއީ ހަތް ބިލިއަނާ ގާތްކުރާ އަދަދެއް. ދެން އަޅުގަނޑުމެން ވެސް ސާފުކުރިން ނުދެއްކި ހުރި ބިލުތައް ދައްކަން ބަޖެޓްކުރެވިފައި ވާނެތޯ. އެ ބޭފުޅުން ވިދާޅުވީ އެ ބައެއް ނެތޭ ހިމަނާފައެއް." އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ، އެ ފައިސާ ދެއްކޭނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން ހޯދުން ވަރަށް މުހިންމު ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ސަރުކާރުން ހުށަހެޅުންތަކެއް ހުށަހަޅާފައި ވީނަމަވެސް، އެ ފައިސާ ދައްކާނެ ގޮތްތަކެއް ކޮމިޓީގެ މެންބަރުން ސަރުކާރުގެ ފަރާތުން ސާފުކުރެއްވުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ބޮޑު އަދަދަކަށް އަރާފައިވާއިރު، ދައުލަތުގެ އިދާރާއަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ، ދައްކަންޖެހޭ ޓެކުހުން އެ ފައިސާ ކެނޑޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފައެވެ. މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި އުސޫލަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރު މަހު އިއުލާނުކުރެއްވި ނިންމެވުމެކެވެ.

މި އިންތިޒާމުގެ ދަށުން، ހާއްސަކޮށް އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން، އެ ވިޔަފާރިއަކުން މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށް ވުރެ ބޮޑުވާނަމަ، ސަރުކާރުން ދޭންޖެހޭ ފައިސާ ކެނޑުމަށްފަހު ބާކީބައި ޓެކްސްގެ ގޮތުގައި މީރާއަށް ދެއްކޭނެއެވެ. އަދި މީރާއަށް ދައްކަންޖެހޭ ފައިސާއަށް ވުރެ ސަރުކާރުން ދައްކަންޖެހޭ އަދަދު ބޮޑުނަމަ، ޓެކްސް ކަނޑައި ބާކީވާ ފައިސާ ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކާނެއެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާއިން އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ތަފްސީލުތައް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު