ހުޅުމާލޭ މަގުމަތީގައި ކާރެއް ދުއްވަނީ. ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ މަގުމަތީގައި ކާރެއް ދުއްވަނީ. ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ މަގުތައް ހެދުމާއި މަރާމާތުކޮށް، މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ހުޅުމާލެ ފޭސް 2 ގެ މަގުތަކުގައި ސްޕީޑް ބްރޭކަރު ހެދުމުގެ މަސައްކަތް 11 ނޮވެމްބަރު 2026 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރިއަށްގެންދާ މި މަސައްކަތް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ބަސް ދަތުރުކުރާ ލޭންތަކުގައި ކަމަށެވެ. އެގޮތުން 11 ނޮވެމްބަރު 2026 އިން ފެށިގެން 14 ނޮވެމްބަރު 2026 ގެ ނިޔަލަށް މި ލޭންތަކުގައި ސްޕީޑް ބްރޭކަރު އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ވެސް ބަހުގެ ޚިދުމަތް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާއެކު އެ ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން، މި ދުވަސްވަރު މަގު ބޭނުންކުރައްވާ ފަރާތްތަކުން އެ ބަދަލުތަކަށް ސަމާލުކަން ދެއްވައި، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި، ބަސް ދަތުރުކުރާ ލޭންތަކުގައި ސްޕީޑް ބްރޭކަރު ހަދައި ނިމުމުން، ހުޅުމާލެ ފޭސް 2 ގެ ކަނޑައެޅިފައިވާ އެހެނިހެން ސަރަހައްދުތަކުގައި ވެސް ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތްތައް ސިލްސިލާކޮށް ކުރިއަށް ގެންދެވޭނެއެވެ.

މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރިއަށްގެންދާ މި މުހިންމު މަސައްކަތުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މަޢާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެ ކޯޕަރޭޝަނުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު