މަގު މަރާމާތަށް ހުޅުމާލޭގެ ނިރޮޅުމަގާއި ކާނިމަގު ގުޅޭ ސަރަހައްދު ބަންދުކުރަނީ
މަގު މަރާމާތަށް ހުޅުމާލޭގެ ނިރޮޅުމަގާއި ކާނިމަގު ގުޅޭ ސަރަހައްދު ބަންދުކުރަނީ
ހުޅުމާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރަކަށް މަރާމާތުކުރުމަށްޓަކައި، ނިރޮޅުމަގު 15 ވަނަ ގޯޅިއާއި ކާނިމަގު ގުޅޭ ކަންމަތީގެ ސަރަޙައްދު ވަގުތީގޮތުން ޢާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޢާންމުކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ މަގުތައް ހަދައި މަރާމާތުކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން މި ސަރަޙައްދު ބަންދުކުރަން ހަމަޖެހިފައިވަނީ 2026 ނޮވެމްބަރު މަހުގެ 15 އިން ފެށިގެން 18 ގެ ނިޔަލަށެވެ.

މަގު ހެދުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މުއްދަތުގެ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށެވެ.

އެޗްޑީސީން ފާހަގަކޮށްފައިވާ ގޮތުގައި، މަގު ހެދުމުގެ މަސައްކަތް ހިނގަމުންދާ ވަގުތުތަކުގައި ބަރު އުޅަނދުފަހަރާއި ރޯލަރުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަޑުގަދަވުމާއި، ބިންގަނޑަށް ވައިބްރޭޝަން އިހުސާސްވުމުގެ އިތުރުން ޖައްވަށް ހިރަފުސް އެރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، މި ސަރަޙައްދުގެ ވިޔަފާރިވެރިންނާއި، މަގު ބޭނުންކުރައްވާ އެންމެހައި ރައްޔިތުންވެސް މި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ތަރައްޤީގެ މުހިންމު މަސައްކަތްތައް ހިންގާއިރު ރައްޔިތުންނަށް ދިމާވެދާނެ ދަތިފަސޭހަތަކަށް އެޗްޑީސީން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ. އަދި ހުޅުމާލޭގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ހިންގޭ މިފަދަ ކަންކަމުގައި ޢާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި ދެއްވާ އެހީތެރިކަން ފާހަގަކޮށް، އެ ކޯޕަރޭޝަނުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު