ދިވެހި ހައްޖުވެރިން، ފޮޓޯ: ހައްޖު ކޯޕަރޭޝަން
ދިވެހި ހައްޖުވެރިން، ފޮޓޯ: ހައްޖު ކޯޕަރޭޝަން
ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ޝަރުތު ފުރިހަމަވާ 24،000 އެއްހާ މީހުން މިހާރުވެސް ތިބިކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޝަމްއާން ޝާކިރެވެ. ޝަމްއާން ވިދާޅުވީ ޕެންޝަން ސްކީމުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަދަދަށް މީހުން ޝަރުތު ހަމަވި ނަމަވެސް، 2019 ވަނަ އަހަރު މި ފުރުސަތު ހުޅުވާލި ފަހުން މިހާތަނަށް މި ސްކީމުގެ ދަށުން ޙައްޖަށް ދެވިފައިވަނީ 369 މީހުންނަށް ކަމަށެވެ.

ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިއުމުގެ ޝަރުތަކީ، އެމީހެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ ހުރުމެވެ. މި އުސޫލާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މާކެޓިންގ އެންޑް ޕީއާރު ހެޑް ޢަބްދުﷲ މުޢާޒު ވިދާޅުވީ، ޕެންޝަން އެކައުންޓުގައި އެ އަދަދު ހަމަނުވި ނަމަވެސް، ޙައްޖުގެ ޖުމުލަ އަގަށްވާ 69،965 ރުފިޔާގެ ތެރެއިން 75 އިންސައްތަ އަމިއްލައަށް ދައްކައިގެން ކިޔޫގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަދި އެމީހަކު ޙައްޖަށް ދާން ފުރުސަތު ލިބޭ އަހަރު އަންނަންވާއިރަށް ޕެންޝަން ފަންޑުގައި 336،000 ރުފިޔާ ހަމަވެއްޖެނަމަ، އެ ފައިސާ ޙައްޖަށް ދިއުމަށް ބޭނުންކުރެވޭނެ ކަމަށް މުޢާޒު ވިދާޅުވިއެވެ. މިފަދަ ހާލަތްތަކުގައި، އަމިއްލަ ޖީބުން ކުރިން ދެއްކި ފައިސާގެ ތެރެއިން 20 ޕަސެންޓު ޕެންޝަން ފަންޑުގައި ބެހެއްޓުމަށްފަހު، ބާކީވާ ބައި އެ މީހަކަށް އަނބުރާ ރައްދުކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޢުމުރުން 65 އަހަރު ފުރޭ ފަހުން ވެސް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުންނަ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭ ގޮތަށް ޕެންޝަނާބެހޭ ޤާނޫނަށް އިސްލާހު ގެނެސް، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ އިސްލާހަށް ޢަމަލުކުރަން ފަށާފައެވެ. މުޢާޒު ވިދާޅުވީ މި ބަދަލުގެ ސަބަބުން ޙައްޖު ކިޔޫގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް އަވަހަށް ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިވެ، ކިޔޫގައި ތިބޭ މުސްކުޅި އާބާދީގެ ނިސްބަތް ދަށްވެގެންދާނެ ކަމަށެވެ.

މި އިސްލާހަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ޙައްޖަށް ދިއުމަށް ފައިސާ ދައްކާތާ 3 އަހަރު ވެފައިވާ، ޢުމުރުން 70 އަހަރުން މަތީގެ 324 ފަރާތެއް އަންނަ އަހަރު ސަރުކާރުން ޙައްޖަށް ފޮނުވުމަށް ނިންމަވާފައިވާކަން އިޢުލާނު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް