މާލެހިޔާ1
މާލެހިޔާ1
މާލޭހިޔާ ފްލެޓްތަކަށް ދިމާވެފައިވާ ފެން ލީކުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭހިޔާ 1 ގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ފެން ލީކުވުމުގެ މައްސަލައަކީ، އެކަށީގެންވާ ހައްލެއް ނުލިބި ގިނަ ދުވަސްތަކަކަށް ދިގުލައިގެން ގޮސް، އެ އިމާރާތުގައި ދިރިއުޅޭ އެތައް އާއިލާއަކަށް ބޮޑެތި ތަކުލީފުތަކަކާއި ގެއްލުންތަކެއް ކުރިމަތިކުރުވި މައްސަލައެކެވެ.

މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ކައުންސިލްގެ އިސްނެގުމާއެކު މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، އެއްބަސްވުމެއްގެ ދަށުން އަމިއްލަ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން، މިހާރު ފަށާފައިވާ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ 18 އެޕާޓްމަންޓެއްގެ ފެން ލީކުވާ މައްސަލަ ހައްލުކުރެވޭނެކަމަށް މާލޭ ސިޓީކައުންސިލުން ބުންޏެވެ. އަދި ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، އެއްވެސް ލަސްކުރުމެއް ނެތި ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ފެށުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބުނީ، މި މަޝްރޫއުގެ ދަށުން ފްލެޓްތަކުން ފެން ލީކުވަމުންދާ ހުރިހާ ދިމާތަކެއް ދެނެގަނެ، އެކަންކަން ފުރިހަމައަށް ރަނގަޅުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، މާލޭހިޔާ 1 ގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަދި އަމާން ދިރިއުޅުމުގެ މާހައުލެއް ކަށަވަރުކޮށްދިނުން ކަމަށް ވެސް މާލޭ ސިޓީކައުންސިލުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް