ނައުޝާދު މޫސާ ބަންދުން ދޫކޮށްލުމުން މިސްކިތުގައި ނިދާފައި-
ނައުޝާދު މޫސާ ބަންދުން ދޫކޮށްލުމުން މިސްކިތުގައި ނިދާފައި-
ތަކުރާރުކޮށް މިސްކިތްތަކުގެ ޙުރުމަތްކެނޑި ނައުޝާދު ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންނާ ޙަވާލާދީ ބައެއް މީޑިއާތަކުގައި މިއަދު ބުނެފައިވަނީ، ތަކުރާރުކޮށް މިސްކިތްތަކަށް ގެއްލުން ދިނުމުގެ ރެކޯޑު އޮންނަ ނައުޝާދު މި ފަހުން ހައްޔަރުކުރީ، ނަމާދަށް ހުރި އަންހެނެއް ކުރިމަތީ ބަރަހަނާވެ އަމިއްލައަށް އެދުން ފުއްދިކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ.

އަދި އެފަދަ ކަމެއް އޭނާގެ ފަރާތުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އޭނާ ބަދަލުކޮށްފައިވާ ކަމަށް ފުލުހުންނާ ޙަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ނައުޝާދު އިއްޔެ ހައްޔަރު ކޮށްފައިވަނީ، މަސްޖިދުލް ފުރުގާން (ފުރުގާން މިސްކިތް) ގައި އަންހެނަކު ޟުޙާ ނަމާދަށް ހުއްޓައި، އޭނާގެ ކުރިމައްޗަށް އަރައި ބަރަހަނާވެ، އަމިއްލަ އެދުން ފުއްދުމުގެ ހުތުރު އަމަލެއް ހިންގި ކަމުގެ ތުހުމަތުގައެވެ.

އުމުރުން 32 އަހަރުގެ ނައުޝާދަކީ މާލޭގެ އެކި މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދިނުމުގެ ބޮޑެތި ރެކޯޑުތަކެއް އޮންނަ މީހެކެވެ. އެގޮތުން މިދިޔަ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްފަހު، މި ހިނގާ މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ނަމަވެސް، ޝަރީއަތް ހިނގަމުންދިޔަ މުއްދަތުގައި އޭނާ ބަންދުގައި އެއް މަހާއި 21 ދުވަސް ހޭދަކޮށްފައިވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން އެ މުއްދަތު އަދަބުން އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތުމުން، ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގެ ކަމާބެހޭ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ނައުޝާދަކީ މީގެ ކުރިން ވެސް މިފަދަ އެތައް ކުށެއް ތަކުރާރުކޮށްފައިވާ އަދި އިތުރު އެހެން ކުށްތަކުގެ ރެކޯޑު ވެސް އޮންނަ މީހެކެވެ.



ކިޔުންތެރިންގެ ހިޔާލު