ބަންގްލަދޭޝްގެ ރޭޕް މައްސަލައެއް ފެންމަތިވުން
ބަންގްލަދޭޝްގެ ރޭޕް މައްސަލައެއް ފެންމަތިވުން
ރޫޙާނީ ފަރުވާދިނުމުގެ ނަމުގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ބަންގްލަދޭޝްގެ މުންޝިގަންޖް ސަރަޙައްދުގެ އިމާމަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީނަގަރް ބާޒާރު ސެންޓްރަލް ޖާމިއާ މިސްކިތުގެ އިމާމެއް ކަމަށްވާ މައުލާނާ ރެޒާއުލް ބާރީއެވެ.

އަނިޔާ ލިބުނު ކުއްޖާގެ މަންމަ ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާއިރު، ސްރީނަގަރް ޕޮލިސް ސްޓޭޝަންގެ އޮފިސަރ-އިން-ޗާޖް މުޙައްމަދު ޖުވެލް މިއާ ވިދާޅުވީ، ތުހުމަތުކުރެވޭ ފަރާތް ކޯޓަށް ހާޒިރުކުރުމާއި ޤާނޫނީ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ކުއްޖާގެ އާއިލާއިން މަޢުލޫމާތު ދިން ގޮތުގައި، އެ ކުއްޖާއަށް ޖިންނިއެއްގެ އުނދަގޫ ފޯރާފައިވާ ކަމަށް ބަލައި، މީގެ ކުރިންވެސް އެ އިމާމު އަތުން ވަނީ ފަރުވާއެއްގެ ގޮތުން ތަވީދެއް ހޯދާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގަނޑު ގާތްގަނޑަކަށް 10:00 ހާއިރު، މައިންބަފައިންނާއެކު އެ ކުއްޖާ އިމާމުގެ ގެއަށް ދިޔަ ވަގުތުގައެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ޖިންނި ބޭރުކުރުމުގެ ނަމުގައި ކޮޓަރީގެ ބޮކިތައް ނިއްވާލުމަށްފަހު، އެމީހާ ވަނީ ގަދަކަމުން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައެވެ.

ކުއްޖާ ދިން ބަޔާނަށް ރިޢާޔަތްކޮށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެ އިމާމު ހައްޔަރުކޮށްފައިވާއިރު، މިފަދަ ގޮތްގޮތަށް ޖިންނި ނެރުމުގެ ނަމުގައި އޭނާ ފަރުވާދެމުން އަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

މީގެއިތުރުން، އިޖުތިމާޢީ ގޮތުން އަގުވެއްޓިދާނެ ކަމުގެ ބިރަށްޓަކައި، މިފަދަ ހިތާމަވެރި ހާދިސާތައް ރިޕޯޓުނުކޮށް ސިއްރުކޮށްގެން އެހެން ފަރާތްތަކުން ތިބުމުގެ ފުރުޞަތު އޮތް ކަމަށް ބުނެ، ކުއްޖާގެ އާއިލާއިން ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު